ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ރާއްޖެ ގެންނަ ހާއްސަ ޕެކޭޖް ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެސް ވިއްކަން ފެށޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެ ޕެކޭޖުގައި ހިމެނެނީ، އެސްޓީއޯ އިން ބުނި ގޮތުގައި، ކުކިން އޮއިލް އާއި ކާށިކިރުގެ އިތުރުން "މިލްކް ޕައުޑާ" އަކާއި "ކޮންޑަސް މިލްކް" އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ޕެކޭޖް ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ފަހު ކޮޅު ގެންނަ އިރު މިހާރު އެތަކެތި ބާޒާރުގައި ވިއްކާ ވަރަށް ވުރެ ހެޔޮ އަގުތަކުގައި ވިއްކާނެ ކަމަށެވެ.

"އެންމެ ދަށްވެގެން ވެސް އެ ބާވަތްތަކުގެ އަގު 10 ޕަސެންޓް އަގު ދަށް ވާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ހަތަރު ބާވަތް ރޯދަ މަސް ނިމުމުން ވެސް ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން މިހާރު އަންނަނީ ރޯދަ މަހަށް ހާއްސަކޮށްގެން ގެނައި ފިޔައި އަލުވި، ބިހުގެ ސްޓޮކް ވިއްކަމުންނެވެ. އެސްޓީއޯ އިން ބުނީ އޭގެ ދެވަނަ ސްޓޮކް މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށެވެ.

މިއަންނަ ރޯދަ މަސް ނިމެންދެން ފިޔާ، އަލުވި، ބިސް ހުސްނުވެ ހެޔޮ އަގުގައި އެސްޓީއޯ އިން ވިއްކާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން މިހާރު ގެނައި ޝިޕްމަންޓުން ރީޓެއިލްކޮށް ބިހެއް ވިއްކަމުން ދަނީ 1.25 ރުފިޔާއަށެވެ. އަދި ފިޔާ އާއި އަލުވި ކިލޯއެއް ރީޓެއިލްކޮށް ވިއްކަނީ 10 ރުފިޔާ އަށެވެ.

ހޯލް ސޭލް އަގުތަކަށް ބަލާ އިރު ބިސް ކޭހެއް 250 ރުފިޔާ އަށް ވިއްކާ އިރު ފިޔާ ބަސްތާއެއް ވިއްކަނީ 225 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަނީ 225 ރުފިޔާ އަށެވެ.