06 Jan 2011, 05:56
މި މަހު 23 ގެ ނިޔަލަށް ހައިކޯޓަށް ފަނޑިޔާރުން ހަމަކޮށް އެ ކޯޓުގެ ބެންޗު ހުވާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ކަނޑައަޅައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން އޮފިޝަލަކު މިއަދު ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުން، ހޮވުމުގެ މަސައްކަތް ނިންމައި، ހައިކޯޓްގެ ބެންޗަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ހުވާ ކުރެއްވުމާއި އެބޭފުޅުންނަށް ފަތްކޮޅުދެއްވާ ދުވަހަކީ، މި މަހު 23 ވަނަ ދުވަސް ކަމުގައި އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ 10 މެމްބަރުންގެ ތެރެއިން، ފަނޑިޔާރުންގެ އިންޓަވިއު ޕެނަލްގައި ހިމެނިވަޑައިގަތުމަށް އިޢުތިރާޒު ކުރައްވާ މެންބަރަކު ހުރި ނަމަ، އެ މެންބަރަކު އުނިކޮށް ދެން ތިއްބެވި މެންބަރުންނަކީ ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕެނަލްގެ ގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅައި، ހައިކޯޓަށް ފަނޑިޔާރުން ނެގުމަށްޓަކައި އެކުލަވާލައްވާފައިވާ އިންޓަވިއު ޕެނަލަކީ މުޅި ކޮމިޝަން ކަމަށް ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމަށް ހުށަހެޅުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބުދުﷲ ޝާހިދު އެ ޕެނަލުގައި ހިމެނިވަޑައިގެންނެވުމަށް އިޢުތިރާޒުކުރެއްވުމުން، ޕެނަލް އެކުލަވާލާފައި ވަނީ ޝާހިދު އުނިކުރުމަށް ފަހު، ދެން ތިއްބެވި ނުވަ މެމްބަރުން ހިމަނައިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން ހައިކޯޓަގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުން މި މަހު ނުވަ ވަނަ ދުވަހު ޝޯޓްލިސްޓްކޮށް ނިންމެވުމަށާއި، މި މަހު 15 ގައި އެފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ފަނޑިޔާރުންގެ ކަންތައް ނިންމުމަށް ބާއްވާ ރަސްމީ ޖަލްސާ މި މަހު 19 ގައި ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ހައިކޯޓުގައި ތިއްބަވަން ޖެހެނީ ނުވަ ފަނޑިޔާރުންނެވެ. ނަމަވެސް މިހާރު ހައިކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އަދަދަކީ ހަތަރެކެވެ. ނުވަ ފަނޑިޔާރުން ހިމެނޭ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެކުލަވާލައި ނިންމައި ނުލެވި ދިގު މުއްދަތެއް ހޭދަވެފައި ވަނީ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުންތައް ނުބޭއްވި ލަސްވަމުން ދިއުމުގެ ސަބަބުންނެވެ.