މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށުގައި ގއ. ކަނޑުހުޅުދޫގެ ކުރީގެ ކޫޑަކަތީބު މުސްތަފާ ހުސައިން ދެ އަހަރަށް އަރުވާލަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2007 ވަނަ އަހަރު އޭނާ ކަނޑުހުޅުދޫ ކުޑަކަތީބުގެ މަގާމުގައި ހުންނެވި އިރު އެރަށު ޔުނިކޯ ގޭގެ ރަޖިސްޓްރީ ހެދުމަށް ބޭނުންވާ މައުލޫމާތު އަތޮޅު އޮފީހަށް ފޮނުވިއިރު އެ ގޯއްޗަށް ބިން އިތުރުކޮށްދީފައިވާތީ އެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކަނޑުހުޅުދޫ ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތް ކަމަށް މުސްތަފާ އަށް ޝަރީއަތަށް ދެއްކިފައިނުވާ ކަމަށެވެ. އެހެން ކަމުން ކަނޑުހުޅުދޫ ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.