17 Jun 2014, 15:34
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ ހައްލު ނުކުރެވެނީސް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ގޮތަށް ނިންމައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ނިޒާމް ގެއްލިގެން ދިޔުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވީ މަޖިލީހުގެ ދައިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ ހައްލު ކުރެއްވުމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލެއްވީ
ކަމަށެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އަހްމަދު މަނިކު ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މައްސަލާގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލުމަށް ފަހު ދެން ޖަލްސާ ފެށީ މެންދުރު ފަހު ކަމަށެވެ. އަދި ޖަލްސާ ފެށުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރެއްވި ކަމަށެވެ.
އަމީތު ވިދާޅުވީ މަޖިލީހުގެ ރައީސް ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށް ކަމަށާއި އަދި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ވަކިތާރީހެއް ރިޔާސަތުން އިއުލާނުކޮށްފައި ނުވާ ކަމަށެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލިކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު އިއުލާން ކުރައްވާފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނިންމާލީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ އަށް ހައެއް ހޯދުމަށް ޓަކައި ކަަމަށެވެ. އެގޮތުން އިބޫ ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓިތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ނުލިބެނީސް ދެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.
"މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވާފައި. ދެން މަޖިލީހުގެ ޖަލްސާ މި ނިންމާލީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރެއްވުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މަޖިލީހުގެ ރައީސް މަޝްވަރާ ކުރައްވަން ބޭނުންފުޅުވާތީ. ދެން މަޖިލީހުގެ ރައީސް މިހާރު ވަނީ ނިންމަވާފައި ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރެވުމުން ކަމަށް." އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވީ "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"،އެ ބިލް ހުށަހެޅުއްވި އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަނބުރާ ގެންދެވި ހިސާބުން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބިލެއް ހުށަހެޅި އެ ބިލް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު އެ ބިލް މަޖިލީހުގެ ކޮމެޓީއަަކަށް ފޮނުވަން ބަލާ އިރު މިވަގުތު މަޖިލީހުގައި އެއްވެސް ބިލެއް ފޮނުވާނެ އެއްވެސް ކޮމެޓީއެއް ނެތް ކަމަށެވެ.