17 Jun 2014, 15:16
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ މޭ މަހުގެ ސާފު ފައިދާގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ މިދިޔަ މޭ މަހުގެ ނިޔަލަށް އެސްޓީއޯ އަށް ސާފުފައިދާގެ ގޮތުގައި 44 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ ހުރިހާ މަހެއްގައި ވެސް އެކުންފުނީގެ ފައިދާ އެމިންވަރަށް ވުރެ ދަށް ނުވެ ހިފެހެއްޓެމުން އަންނަ ކަމަށެވެ.
އާޒިމް ވިދާޅުވީ އެސްޓީއޯ އަށް އެހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ "ޚަރަދު ކުޑަކުރުން" ކަމަށެވެ. އަދި އެސްޓީއޯއިން އެ ފައިދާ ހޯދަމުން އަންނަނީ އެއްވެސް މުދަލެއްގެ އަގު ބޮޑު ނުކޮށް ކަމަށެވެ.
އެސްޓީއޯއަށް މިދިޔަ އޭޕުރީލް މަހު ފައިދާގެ ގޮތުގައި 61 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.