ވޮޝިންޓަން (ޖޫން 17) : އިރާގުގައި އެމެރިކާ އުފައްދާފައިވާ ވެރިކަމުގެ ނިޒާމު ވައްޓާލައި އަވަށްޓެރި ބައެއް ގައުމުތައް ހިމެނޭގޮތަށް އިސްލާމީ ޚިލާފަތުގެ ނަމުގައި ވެރިކަމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިން ހުއްޓުވުމަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވަމުންގެންދާކަން އެމެރިކާ ހާމަކޮށްފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެބުނީ "ދާޢިޝް"ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދިނުމަށް ރައީސް ބަރަކް އޮބާމާ ނިންމަވާފައިވާ ކަމަށާ މިކަމަށް އެމެރިކާ ސިފައިން ތައްޔާރުވަމުންދާ ކަމުގަ އެވެ. މިހަމަލާތައް ކުރިޔަށްގެންދާނެގޮތުގެ ތަފްސީލް އޮބާމާ ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ޕެންޓަގަން އިން ނެރުނު ބަޔާނެއް ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ "ދާޢިޝް"ގެ ހަނގުރާމަވެރިންގެ ކުރިމަތީގައި އިރާގު ސަރުކާރުގެ ލަޝްކަރުތައް ރޫޅި އިރާގުގެ ވެރިކަމަށް އެޖަމާއަތް އަތްގަދަ ކުރުމަކީ އިރާގުގެ އިތުރުން މުޅި ސަރަހައްދަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ވުމުގެ ފުރްސަތު އެމެރިކާއިން ނުދޭނެ ކަމުގަ އެވެ.

އިރާގުގެ އުތުރުގެ ބޮޑުބައެއް "ދާޢިޝް"ގެ ކޮންޓްރޯލްގެ ދަށަށް ގޮސް އިރާގުގެ ސަރުކާރު ދެމިއޮތުމާމެދުގައި ވެސް ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ "ދާޢިޝް" ގެ ހަނގުރާމަވެރިން ބަޣްދާދު ހިފައި އިރާގުގެ ސަރުކާރު ވައްޓާލުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށާ މިކަން ނުހުއްޓުވިއްޖެނަމަ އިރާގު ބައިބައިވެ މެދުއިރުމަތީގެ ގައުމުތަކަށާއި އެސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތުތަކުގެ އިތުރުން ނޭޓޯގެ ގައުމުތަކަށް ވެސް ނުރައްކާވެގެން ދިޔުމުގެ ފުރްސަތު ބޮޑު ކަމުގަ އެވެ. އިރާގުގެ އިތުރުން ކުވައިތު، ސޫރިޔާ، ލުބްނާން، އުރުދުންއަދި ފަލަސްތީނު ވެސް ހިމެނޭ ގޮތަށް އިސްލާމީ ޚިލާފަތުގެ ނަމުގައި ޚިލާފަތުގެ ވެރިކަމެއް އެސަރަހައްދުގައި ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ "ދާޢިޝް" ޖަމާއަތަކީ ކުރިން އަލްގާއިދާގެ ގޮތްޕެކެވެ. ނަމަވެސް މިޖަމާއަތް މިހާރު ގެންދަނީ ހަނގުރާމަވެރި ޖަމާއަތްތައް ލީޑް ކުރުމުގައި އަލްގާއިދާއަށާއި އެޖަމާއަތުގެ ލީޑަރު އައިމަނުއްޒަވާހިރީގެ ޒަޢާމަތަށް ވެސް ގޮންޖަހަމުންނެވެ.

"ދާޢިޝް" އުފެދިފައިވަނީ އިރާގުގެ ސުންނީންނަށް އިރާގުގެ މިހާރުގެ ޝިޔައީ ސަރުކާރުގެ ފަރާތުންނާ އަދި އޭގެކުރިން އެމެރިކާ އިރާގާ ދެކޮޅަށްކުރި ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހި ނިކަމެތިވެފައިވާ ސުންނީ އާއިލާތަކުގެ ޒުވާނުންގެ ތެރެއިން ކަމުން މިޖަމާއަތުގައި އަލްގާއިދާގެ މެންބަރުންނާއި ސަލަފީ ފިކުރުގެ ހަނގުރާމަވެރިންގެ އިތުރުން އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ބަޢްޘު ޕާޓީގެ ބައެއް މެންބަރުންނާއި ސައްދާމްގެ ދުވަސްވަރުގެ އިރާގުގެ ޕްރޮފެޝަނަލް ސިފައިންގެ ގިނައަދަދެއްގެ ކޮމާންޑަރުން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ބަދަލު ހިފުމުގެ ރޫހެއްގައި ހަނގުރާމަކުރާ މިޖަމާއަތަށް ސަރަހައްދުގެ ހުރިހާ ނަސްލުތަކަކާއި މަޛްހަބްތަކެއްގެ މީހުން ހިމެނޭ ގޮތަށް އިންސާފުވެރި އިސްލާމީ ޚިލާފަތެއް ގާއިމް ކުރެވިދާނެކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ.

އަނެއްކޮޅުން އީރާނުގެ ތާއީދުވެސް ލިބިފައިވާ އިރާގުގެ މިހާރުގެ ވެރިކަމުގެ ނިޒާމު، "ދާޢިޝް"ގެ ހަނގުރާމަވެރިން އަތްދަށަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައިއެޖަމާއަތް މައިތިރި ކުރެވޭނެގޮތްތަކާ ބެހޭގޮތުން އީރާނާ މަޝްވަރާ ކުރަން ތައްޔާރުވަމުންދާ ކަންވެސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެވަނީ ހާމަކޮށްފަ އެވެ. "ދާޢިޝް"ގެ ހަނގުރާމަވެރިންގެ ބަޣްދާދާ ދިމާއަށް ކުރިއަރަމުން އަންނާތީ އީރާނުން ވެސް ވަނީ އިރާގު ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ. އަދި އިރާގުން އަސްކަރީ އެހީތެރި ކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދިނުމާމެދު ވިސްނާނެ ކަމަށް އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އިން އިރާގަށް ވައިގެ ހަމަލާތަކެއް ދިން ނަމަވެސް އިރާގުގައި އެމެރިކާ އުފައްދާފައިވާ ވެރިކަމުގެ ނިޒާމް ހިމާޔަތްކުރުމުގައާއި އިރާގުގެ ސުންނީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމުގެ ބާރު އެމެރިކާގެ ކިބާގައި ނެތްކަމަށް ތަޖްރިބާކާރުން ވިދާޅުވެ އެވެ. ބަޣްދާދު ހިފައި ބޮޑުވަޒީރު ނޫރީއަލްމާލިކީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރަމުން ގެންދާ "ދާޢިޝް"ގެ ހަނގުރާމަވެރިން ހުއްޓުވޭނެ މާގިނަ ފުރްސަތުތަކެއްއެމެރިކާއަކަށް ނެތް ކަމަށް އެފަރާތްތަކުން ދެކެ އެވެ. (ނުސްއެޖެންސީތައް)