މިހާރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ވާދަކުރާ ކްރޮއޭޝިއާ ޓީމުގެ ބައެއް ކުޅުންތެރިން ބަރަހަނާކޮށް ތިބި ފޮޓޯ ތަކެއް އާންމު ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާންމުވެފައި ވަނީ މުބާރާތުގައި ވަދަކުރުމަށްޓަކައި ބްރެޒިލްގައި ކްޜޮއޭޝިއާ ޓީމުގެ ކުޅުންތެރިން ތިބޭ ހޮޓަލްގެ ޕްރައިވެޓް ސްވިމިން ޕޫލްގައި އެ ޓީމްގެ ބައެއް ކުޅުންތެރިން އުޅެނިކޮށް ނަގާފައިވާ ފޮޓޯ ތަކެއް ކަމަށެވެ.

ކްރޮއޭޝިއާ ޓީމުގެ ބައެއް ކުޅުންތެރިންގެ ބަރަހަނާ ފޮޓޯތައް މީޑިއާގެ ސަމަލުކަމަށް އައިސް، ބައެއް މީޑިއާ ތަކުގައި އެފޮޓޯތައް އިއްޔެ ޖަހާފައި ވުމުން އެޓީމުގެ ކޯޗް ނިކޯ ކޮވަޗް ވަނީ ބްރެޒިލްގައި ހަރަކާތްތެރިވާ އެއްވެސް މީޑިއާއަކަށް މީގެ ފަހުން މައުލޫމާތު ނުދުނުމަށް ނިންމާ، މީޑިއާތައް ބޮއިކޮޓް ކޮށްފައެވެ. އަދި ކޯޗް ނިކޯ އެގޮތައް ނިންމީ ކްރޮއޭޝިއާގެ ފުޓްބޯޅަ އިދާރާ އާއި އެޓީމުގެ ކުޅުންތެރިންގެ މަޝްވަރާގެ މަތިން ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ކްރޮއޭޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ބުނެފައި ވަނީ، ބްރެޒިލްގައި އެގައުމުގެ ކުޅުން ތެރިން ތިބޭ ހޮޓަލުގެ ފެންވަރު ދައްކަމަށާއި ކުޅުންތެރިނަށް ނޭނގި، އެކުޅުންތެރިންގެ ރޫމްތަކުގައި މީހުންއުޅޭއިރު ވަގަށް ފޮޓޯ ނަގައި މީޑިއާއަށް ލިކުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަަމަށެވެ. އަދި އެމައްސަލަ ބެލުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ކްރޮއޭޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ވަނީ ގޮވާލާފައެވެ.

އެކަމަކީ ފީފާއިން ޚާއްސަ ސަމާލުކަަމެއް ދޭން ޖެހޭ ކަމަށް ވެސް ކްރޮއޭޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ވަނީ ބުނެފައެވެ.

ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިޔަކާ ހަވާލާދީ ޔޫކޭގެ މިރާ ނޫހުގައި ބުނެފައި ވަނީ، މީޑިއާގައި މިހާރު އާމުވެފައިވާ ފޮޓޯތަކާ ގުޅގެން ޓީމަށް އޭނގެ އަސަރު ކުރާނެ ކަމަށާއި އަދި އެ ކުޅުންތެރިންގެ އާއިލާ އަށް މިއަދު ލިބިގެން ދިޔައީ ވަރަށް ބޮޑު ލަދެއް ކަމަށެވެ.

"ހޮޓަލުގައި އެކަށީގެންވާ މިންވަރަށް ރައްކާތެރިކަން ނެތް. ފިލައިގެންތިބެ އެކިވަގުތުގަކުގައި ފޮޓޯގްރާފަރުން އެ ޓީމުގެ ކުޅުންތެރިންގެ ފޮޓޯތަށް ނަގަމުންދޭ. އެކަން އިގުނު ހިސާބުން ސެކިއުރިޓީއަށް އެންގިން. އެކަމަކުވެސް ރެއާ ދުވާލު ކޮންމެ ވެސް ނޫސް ވެރިއެއް، ކޮންމެވެސް ފޮޓޯ ގްރާފަރެއްގެ އުދަގުލާ ކުރިމަތިވޭ." ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިއާއި ހަވާލާދީ ބީބީސީގައި ބުނެފައި ވެއެވެ.

މިފަހަރުގެ ވޯލްކަޕް ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ ބްރެޒިލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވަނީ 3-1 ލަނޑުން ބަލިވެފައެވެ. އަދި މުބާރާތުގެ ދެ ވަނަ މެޗުގައި ކްރޮއޭޝިއާ ނުކުންނާނީ ކެމަރޫނާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މާދަމާ ރޭ ރާއްޖެގަޑިން ދަންވަރު 3:00ގައި ބްރެޒިލްގެ މަނާއުސްގައި ހުންނަ އެރީނާ އެމެޒޯނިއާ ސްޓޭޑިއަމްގައެވެ.