17 Jun 2014, 14:28
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗް އިސްމާއީލް އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.
ދިރާގް ދިވެހި ލީގުގައި އަންނަ ބުރާސްފަތި ދުވަހު ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޯޗު އިންމަ ބުނީ، މި އަހަރުގެ ސީޒަނަށް ކުރިމަތި ލަނީ ވަރަށް ބޮޑު އުންމީދުތަކަކާއެކީ ޓައިޓެލްއެއް ހޯދުމަށް ކަމަށާއި އެކަން ކުރެވޭ ވަރުގެ ސްކޮޑެއް މާޒިޔާގައި މިހާރު އޮތް ކަމަށް ކޯޗް އިންމަ ބުންޏެވެ.
"ސީޒަންގައި ކުރިމަތިލާ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް. ލީގުގައި ބަލި އެއްވެސް ޓީމެއް ނެތް. މާޒިޔާގެ ސްކޮޑާ މެދު ހިތްހަމަޖެހޭ. ސީޒަނަށް ކުރިމަތި ލަނީ ވަރަށް ބޮޑު އުންމީދު ތަކަކާއެކީ ޓައިޓެލްއެއް ހޯދުމަށް." ކޯޗް އިންމަ ބުންޏެވެ.
އިންމަ ބުނީ، މާޒިޔާ ޓީމުގައި ގައުމީ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން ތިބި ނަމަވެސް، ބީޖީއާ ދެކޮޅަށް ކުޅޭ މެޗް ފަށޭހަ ނުވާނެ ކަމަށާއި މެޗުން މޮޅުވުމަށް މާޒިޔާގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިއަހަރުގެ އޭއެފްސީ ކަޕްގައި ވެސް މާޒިޔާގެ ކުޅެފައި ވާތީ، އެއީ މާޒިޔާއަށް ލިބޭނެ އެޑްވާން ޓޭޖެއް ނޫން ކަމަށާއި އެމުބާރާތުގެ ފަހުން ބޮޑު ބްރޭކެއް ލިބިފައިވާތީ ބީޖީ މެޗް ކިތަންމެހާ ވެސް އުނދަގޫ ވާނެ ކަމަށް އިންމަ ބުންޏެވެ.
"ސީޒަން ހުޅުވުމަށް ނިއުއާ ދެކޮޅަށް މާޒިޔާ އން ކުޅުނު ޗެރެޓީ ޝީލްޑް މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ އެސްޕެކްޓް ކުރެވޭ ވަރުގެ ކުޅުމެއްނޫން. އެހެން ކަމުން ކުރިއަށް އޮތް ބީޖީމެޗުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށް އުންމީދުކުރަން. އަދި އެ މެޗުން މާޒިޔާ މޮޅެއް ހޯދުން ވަރަށް މުހިންމު،" ކޯޗް އިންމަ ބުންޏެވެ.
އިންމަ ބުނީ، ބީޖީއާ ދެކޮޅަށް ނުކުންނަ އިރު ޓީމުގެ ތަޖުރިބާ ކާރު ފޯވާޑް އައްސަދުﷲ އަބްދުﷲއަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް އެ އަނިޔާއަކީ ބީޖީ މެޗުގައި ނުކުޅެވޭވަރުގެ ސީރިއަށް އަނިޔާއެއް ނޫން ކަމަށެވެ. އަދި މިދިޔަ ސީޒަންގައި އައްސަދުﷲގެ ފަރާތުން ފެނުނު ކުޅުމަށް ވުރެ މިފަހަރުގެ ސީޒަންގައި އޭނަގެ ފަރާތުން ފެންނަ ކުޅުން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އޭނައާ މެދު އިތު ބާރު އެބޮތް ކަމަށް އިންމަ ބުންޏެވެ.
ބީޖީއާ ދެކޮޅަށް މާޒިޔާ ބައްދަލުކުރާ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.