ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަށް ބިލެއްގެ ފުރަތަމަ ކިޔުން މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސަގައި އިއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސަގައި ފުރަތަމަ ކިޔުން އިއްވި ބިލްތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން އަލަށް ހުށަހެޅި ބިލްތަކަކާއި އަދި މިހާރު އަމަލުކުރަމުންދާ ބައެއް ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާޙުތަކެވެ. އަދި މީގެ އިތުރުން ބައެއް ގާނޫނުތައް އުވާލުމަށް ހުށަހަޅާފައިވާ ބިލްތަކުގެ ފުރަތަމަ ކިޔުން ވެސް ވަނީ އިއްވައިފަ އެވެ.

އުވާލަން ހުށަހެޅި ގާނޫނުތަކުގެ ތެރޭގައި ހިމެނެނީ މިހާރު އަމަލުކުރަމުންދާ ޝަރީއަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއްދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗިހި ނެގުމާ ބެހޭ ގާނޫނު އެވެ. އެ ބިލް ހުށަހަޅުއްވާފައި ވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ.

ސަރުކާރުން މުޅިން އަލަށް އެކުލަވާލަން ނިންމާފައިވާ "ރައްޔިތުންގެ ހިޔާލު ހޯދުމުގައި އާންމު ވޯޓު ނެގުމުގެ ގާނޫނު"ގެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު އެވެ.

ހުށަހެޅި ބިލްތަކުގެ ތެރޭގައި ހިމެނޭ ހަ ބިލަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް އިސްލާހު ހުށަހަޅާ ފޮނުވާފައިވާ ބިލުތަކެކެވެ. އަނެއް ދެ ބިލްގެ ތެރެއިން އެއް ބިލަކީ މިހާރު އަމަލުކުރަމުންދާ ގާނޫނެއް އުވާލުމަށް ހުށަހަޅާ ބިލެކެވެ. އަނެއް ބިލަކީ މުޅިން އަލަށް އެކުލަވާލާ ގާނޫނަކާ ގުޅޭ ބިލެވެ.

މީގެ އިތުރުން މިއަދު ފުރަތަމަ ކިއުން އިއްވި ބިލްތަކަކީ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އޮޑިޓް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލާއި މަޑުއްވަރި ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދިވެހި ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުވާފައިވާ ބިލްގެ އިތުރުން ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އަށް ބިލެއްގެ ފުރަތަމަ ކިޔުން މިއަދު އިއްވަފައިވާ އިރު މި މަހުގެ ނުވަވަނަ ދުވަހު ވަނީ 12 ބިލެއްގެ ފުރަތަމަ ކުޔަށް އިއްވަފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ބިލްތަކުގެ އިބްތިދާއީ ބަހުސް ފެށުމަށް މިއަދުގެ ޖަލްސަގައި ވަނީ އެޖެންޑަ ކުރެވިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލާފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަގައި އިދިކޮޅު އެމްޑީޕީ އާއި ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ދެމެދު ހިޔާލު ތަފާތުވެ މަޖިލީހަށް ނިޒާމް ގެއްލުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ނިޒާމް ގެއްލިގެން ދިޔަ އެވެ. އެހެން ކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވީ މަޖިލީހުގެ ދައިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ ހައްލު ކުރެއްވުމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލެއްވީ ކަމަށެވެ.