17 Jun 2014, 13:34
މިހާރު ބިރެޒިލްގައި ކުރިޔަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މެކްސިކޯ ކުޅުނު އެންމެ ފަހުމެޗްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަފެލް މަރްކުއޭޒް އަށް މެކްސިކޯގެ ގައުމީ ޓީމަށް ހަތަރު ވޯލްޑްކަޕެއްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ލަގަބު ލިބިއްޖެއެވެ.
އުމުރުން 35 އަހަރުގެ މިކުޅުންތެރިޔާ ވަނީ 2002 ވަނަ އަަހަރާއި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވެސް ކެޕްޓަން ބޭންޑް އަޅައިގެން މެކްސިކޯއަށް ކުޅެފައެވެ. މަރްކުއޭޒް ގައުމީޓީމަށް ކުޅެން ފަށަފައިވަނީ 1997 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ކެޕްޓަން ބޭންޑް އަޅައިގެން ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ އުމުރުން 23 އަހަރުގައި 2002 ވަނަ އަހަރު އެވެ. އެއީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ މެޗްތަކުގެ ތެރެއިން މެޗެއްގަ އެވެ. އެމެޗްގައި މަރްކުއޭޒް އަށް ވަނީ ރަތްކާޑު ވެސް ދައްކައިފަ އެވެ.
މަރްކުއޭޒް ބުނެފައިވަނީ މިއީ ކޮންމެ ކުޅުންތެރިޔަކަށް ވެސް އޮތް ފުރުސަތެއް ކަމަށާއި މިފުރުސަތު އޭނާއަށް ފަހު އެހެން ކުޅުންތެރިންނަށް ވެސް ހުޅުވިފަވާ ކަމަށެވެ. އަދި އެ ފުރުސަތު ހޯދުމަށް ޓަކައި ކޮންމެ ކުޅުންތެރިޔަކު ވެސް އެކުޅުންތެރިން ތިބި ލެވެލް މަތި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް މަރްކުއޭޒް ބުންޏެވެ.
މިހާތަނަށް 121 މެޗް ކުޅެފައިވާ މަރްކުއޭޒް ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ އާ ބައްދަލުކޮށް 2-1 އިން މެކްސިކޯ ބަލިވި މެޗްގައި ގޯލެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ. މިރޭގެ މެޗްގައި ވެސް މެކްސިކޯގެ ކެޕްޓަން ކަމުގެ ޒިންމާ ނަގައިގެން ހުންނާނެ މަރްކުއެޒް މިރޭގެ މެޗާ ގުޅޭގޮތުން ބުނީ ބްރެޒިލްގެ މައްޗަށް ކާމިޔާބު ހޯދޭނެ ކަމަށެވެ.