17 Jun 2014, 13:04
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލަން ޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރެވޭގޮތަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމާ ބެހޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމާ ގުޅިގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައި ވަނިކޮށް ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަން ޖެހޭނީ ގާނޫނު އަސާސީގެ ރޫޙްގައި ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ކަމަށެވެ.
"މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަން ޖެހޭނީ ގާނޫނު އަސާސީގެ ރޫޙުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް. އެމްޑީޕީ އަކީ މުޅި ރާއްޖެ ތަމްސީލުކުރާ ޕާޓީ. އެމްޑީޕީގެ އެމްޕީން ނަށް ސާބަސް" ނަޝީދު ކުރެއްވި ޓްވިޓުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލާފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލެވިފައި ނުވާތީ އެ މައްސަލާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވީ "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"، އެ ބިލް ހުށަހެޅުއްވި އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެ ބިލް އަނބުރާ ގެންދެވި ހިސާބުން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސަގައި ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބިލެއް ހުށަހެޅި އެ ބިލް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު އެ ބިލް މަޖިލީހުގެ ކޮމެޓީއަަކަށް ފޮނުވަން ބަލާ އިރު މިވަގުތު މަޖިލީހުގައި އެއްވެސް ބިލެއް ފޮނުވާނެ އެއްވެސް ކޮމެޓީއެއް ނެތް ކަމަށެވެ.
ނަމަވެސް ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވީ ނިމިގެން ދިޔަ 17 ވަނަ މަޖިލީހުގައި އެމްޑީޕީ މެންބަރުން ކަންކަން ހިންގި ގޮތަށް އެކަންކަން ހިންގަން ފުރުސުތު ދެން ނުދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ނަންގަވަމުން ގެންދެވި ނިޒާމީ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅިއްޖެ ނަމަ އެ ބިލެއް ފޮނުވުމަށް ޓަކައި ވަގުތީ ކޮމެޓީއެއް އުފައްދަވައި އެ ބިލެއް މަޖިލީހުގެ ވަގުތީ ކޮމެޓީއަކަށް ފޮނުވިދާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށައި އަދި އެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.