17 Jun 2014, 12:49
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން މިއަދު ހެކި ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އުމަރުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި އުމަރު ދައްކަވާފައިވާ ވާހަކައިގެ ވީޑިއޯ ރެކޯޑިން އެވެ.
އުމަރުގެ މައްޗަށް ދައުވާ ކުރުމުގައި ހަވާލާދެއްވާފައިވާ ގާނޫނުގެ މާއްދާ ބާތިލުކުރުމަށް އޭނާގެ ފަރާތުން ކުރިން ނެންގެވި އިޖުރާއީ ނުކުތާއަކީ އިޖުރާއީ ނުކުތާއެއް ކަމަށް ޝަރީއަތުން ބަލައި ނުގަންނާނެ ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުﷲ ދީދީ ވަނީ ނިންމަވާފަ އެވެ.
އުމަރުގެ ފަރާތުން ނެންގެވި އިޖުރާއި ނުކުތާގައި ބުނެފައި ވަނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތަށް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށްވާ އިރު، އެ މާއްދާގައި އަމަންއަމާން ކަމަށް ގެއްލުން ލިބޭ ވާހަކަ ދެއްކުމާ ބެހޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އުމަރު ނެންގެވީ އިޖުރާއީ ނުކުތާއެއް ކަމަށް ޝަރީއަތުން ބަލައިނުގަތުމަށް ނިންމިކަމުގެ ލިޔުމަކަށް އޭނާގެ ވަކީލު އާދަމް އާސިފް ޝަރީއަތުގައި މިއަދު އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވަނީ އެ ލިޔުންދެއްވުމަށް އިންކާރު ކުރައްވާފަ އެވެ.
ގާޒީ ވިދާޅުވީ އުމަރު ނެންގެވީ އިޖުރާއީ ނުކުތާއެއް ނޫންކަމަށާއި އިޖުރާއީ ނުކުތާއެއް ކަމަށް ވިދާޅުވެ އޭނާގެ ފަރާތުން ދައްކަވާފައިވާ ވާހަކަތަކަކީ މައުޟޫއީ ގޮތުން އެ މައްސަލަ ބެލިގެންދާ އިރު ޝަރީއަތުން ގޮތެއް ނިންމާނެ ކަންތައް ކަމަށެވެ. އަދި ވިދާޅުވީ ކޯޓުން ނިންމާ ކޮންމެ ނިންމުމަކީ ލިޔުމުން ދޭންޖެހޭނެ އެއްޗެއް ނޫން ކަމަށެވެ.
ގާޒީ އެގޮތަށް އެންގެވުމުން އުމަރުގެ ވަކީލު ވިދާޅުވީ ދަށުކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުކަމީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އުމަރު ބޭނުންފުޅު ވަނީ އެ ހައްގެ ބޭނުންކުރުމަށް ކަމަށެވެ.
ދިފާއުގައި ހެކި ހުށަހެޅުމަށާއި ދައުވާއަށް މައުޟޫއީ ގޮތުން ޖަވާމުބާރީ ވުމަށް ފުރުސަތު އެރުވުމުން އުމަރުގެ ވަކީލު ވިދާޅުވީ ގާޒީ މިއަދު ނިންމެވި ނިންމެވުން އިސްތިއުނާފު ނުކުރެވޭ ފަދަ ގޮތަކަށް މައްސަލައާއިގެން ކުރިއަށްދާން ބޭނުންނުވާ ކަމަށެވެ.
ގާޒީ އަބްދުﷲ ދީދީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައާ ގުޅޭގޮތުން މައުޟޫއީގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދެއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.