ސިއްހީ ޚިދުމަތް ދެމުންދާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކާ އެކު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ޑޮކްޓަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އަތޮޅުތެރޭގެ ރަށެއްގައި ސިއްހީ ޚިދުމަތް ދެމުންދާ ތަނެއްގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ ޑޮކްޓަރަކު އޭނާ އާ އެކު މަސައްކަތްކުރާ މުވައްޒަފާކާ ގަދަކަމުން ބަދު އަޚުލާގީ ޢަމަލު ހިންގަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެ ދެ މީހުންނާއި ސިއްހީ ފަރުވާދޭ މަރުކަޒުގެ އިތުރު މައުލޫމާތެއް ފުލުހުން ނުބުނެ އެވެ.

އެ ޑޮކްޓަރާ އެކު މަސައްކަތް ކުރާ މުއައްޒަފާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކޮށްފައި ވަނީ ޑޮކްޓަރަށް ދެއްކުމަށް އައިސްތިބި ބަލިމީހުން ދައްކައި ނިމުމުން، ބަލިމީހުން ބަލާ ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2012 އަހަރާއި 2013 އަހަރާ އަޅާ ބަލާއިރު 2013 ވަނަ އަހަރު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުން ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.