17 Jun 2014, 12:01
މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރެއްގެ ބޮލަކަށް 400 ރުފިޔާގެ މަގުން ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޒަކާތް ބެހުމުގެ ކަންކަން މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަކުން 15:00 އަށް ކުރިއަށްދާނެ ކަމަށެވެ.
ފަގީރުންގެ ގޮތުގައި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ބަހަނީ އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުންނެވެ. އެ ފަރާތެއްގެ އައިޑީކާޑް އާއި އެ މިނިސްޓްރީ އިން ދީފައިވާ ކާޑު ހިފައިގެން ދިއުމުން ޒަކާތް ދޫކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަން ނޯޓު ކޮށްފައިވާ ފަރާތެއްގެ އައިޑީކާޑް ހިފައިގެން ޒަކާތްނަގަންދާ އެހެން މީހުންނަށް ވެސް ޒަކާތް ދޫކުރަން ވަނީ ނިންމާފަ އެވެ.
މި އަހަރުގެ މުދަލު ޒަކާތަށް އެދި 53200 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ މާލެއިން 13017 މީހުންނާއި އަތޮޅުތެރެއިން 40183 މީހުންނެވެ.
މިއަހަރުގެ ޒަކާތުގެ ގޮތުގައި 400 ރުފިޔާ ބަހަން ނިންމާފައިވާ އިރު މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުނަށް ބަހަން ކަނޑައެޅި 23 މިލިއަން ރުފިޔާ، ފަގީރެއްގެ ބޮލަކަށް ބަހާފައި ވަނީ 450 ރުފިޔާ އެވެ.