ސްރީލަންކާގެ ބުޑިސްޓުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން އެގައުމުގެ ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް، އެންމެ އަވަހަށް ކުރަން ޖެހޭނެ ކަމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ބުނެފިއެވެ.

ޔޫއެންގެ ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދީނީ ގޮތުން ބައިމަދު ހުރިހާ އެންމެން ހިމާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

"...މި ހަމަނުޖެހުމާއި ހަމަނުޖެހުމަށް މަގުފަހިކުރުމަށް ދެމުންދާ ރުޅިވެރިކަމުގެ ތަގުރީރުތައް ހުއްޓުވަން ކުރެވެން ހުރިހާ ކަމެއް ސަރުކާރުން އެންމެ އަވަހަށް ކުރަން ޖެހޭނެ. އަދި ދީނީ ގޮތުން ބައިމަދު ހުރިހާ އެންމެން ހިމާޔަތްކުރަން ޖެހޭނެ،" ޕިއްލޭގެ ބަޔާނުގައި ވެއެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ސްރީލަންކާގައި މުސްލިމުން ދިރިއުޅޭ އެހެން ސަރަހައްދުތަކަށް ހަމަނުޖެހުންތައް ފެތުރިދާނެތީ އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ހަމަނުޖެހުންތައް ހިންގާ މީހުން ވަގުތުން ހައްޔަރުކޮށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.

ސްރީލަންކާގެ ބައިމަދު މުސްލިމް އާބާދީއާ ދެކޮޅަށް މިދިޔަ އަހަރުން ފެށިގެން ބޮޑެތި ހަމަނުޖެހުންތައް ހިންގަމުން އަންނަ ހަރުކަށި ބުޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑުބަލަ ސޭނާ ( ބީބީއެސް) އިން މިހާރު ވަނީ ހަމަނުޖެހުން ހިންގުމުގެ އާ ސިލްސިލާއެއް ފަށާފަ އެވެ. މިފަހަރުގެ ސިލްސިލާ ފެށީ ސްރީލަންކާގެ ހުޅަނގުގައިވާ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަލުތުގަމާގައި ބީބީއެސް އިން އާދީއްތަ ދުވަހު ބޭއްވި ރުޅިވެރިކަން އުފެއްދުމުގެ އެއްވުމަކަށް ފަހުގަ އެވެ. އެ އެއްވުމަށް ފަހު އެމީހުން ހިންގި ހަމަނުޖެހުންތަކުގައި މުސްލިމުންގެ ތިން މީހުން މަރާލައި، 78 މީހުން ޒަހަމްކޮށް، މިސްކިތްތަކާއި ފިހާރަތަކަށް ގެއްލުންތައް ދީފައިވެ އެވެ.