17 Jun 2014, 11:05
ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ޖަރުމަން އަތުން 4-0 ލަނޑުން ޕޯޗުގަލް ބަލިވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އެ ޓީމުގެ ޑިފެންޑަރު ފަބިއޯ ކޮއެންޓްރާއޯ، ވޯލްޑް ކަޕަށް ކުރަމުން އައި އުންމީދުތަކަށް ނިމުމެއް ގެނެސްފި އެވެ.
އެރީނާ ފޮންޓޭ ނޯވާގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބޯޅަ ހިފައިގެން ދުވަނިކޮށް ޕޯޗުގަލްގެ ރެއާލް މެޑްރިޑް ޑިފެންޑަރަށް ވަނީ މަސްގަނޑުގެ އަނިޔާއެއް ކުރިމަތިވެ، ދަނޑުން ފައިބަން ޖެހިފަ އެވެ. ކޮއެންޓްރާއޯ އަށް ލިބުނު އަނިޔާއާ ގުޅިގެން ޕޯޗުގަލްގެ މެޑިކަލް ޓީމުން ހެދި ޓެސްޓްތަކުން ދެއްކި ގޮތުގައި އޭނާ އަށް ޔަގީންނުން ވެސް ގްރޫޕް ސްޓޭޖް މެޗުތައް ނުކުޅެވޭނެ ކަމަށެވެ.
"އަހަރެންނަށް ވޯލްޑް ކަޕުގައި ދެން ކުޅެވޭނެ ހެން ހިއެއް ނުވޭ،" އޭއެސް އަށް ދިން އިންޓަވިއުއެއްގައި ކޮއެންޓްރާއޯ ބުންޏެވެ. "އެއީ ސީރިއަސް އަނިޔާއެއްކަން އަހަރެންނަށް ޔަގީން. ނަމަވެސް އަހަރެންގެ އުންމީދަކީ އެހެން ނުވާނެ ކަމަށް. މި ވަޒީފާ އަދާކުރާ ނަމަ، އެކަހަލަ ގޮތްތައް ދިމާވާނެ. މިއީ ހިތާމަވެރި ދުވަހެއް. ނަތީޖާގެ އިތުރުން މިއީ އަހަރެންގެ ހަޔާތުގައި އެންމެ ދެރަވި އެއް ދުވަސް. ނަމަވެސް އަހަރެމެންނަށް އަދިވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތް."
ރޭގެ މެޗުގައި ކޮއެންޓްރާއޯގެ އިތުރުން ޕޯޗުގަލްގެ ފޯވާޑް ހޫގޯ އަލްމޭޑާ އަށް ވެސް ވަނީ އަނިޔާއަކާ ކުރިމަތިލާން ޖެހިފަ އެވެ. ޕޯޗުގަލް މުހިންމު ދެ ކުޅުންތެރިންނަށް މި ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް 10 ދުވަހާއި ތިން ހަފްތާގެ މުއްދަތެއްގައި ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމުގައި އެ ޓީމުގެ މެޑިކަލް ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހެންރީކް ޖޯންސް ބުނެ އެވެ.
ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅޭ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00ގައި ނުކުންނަން ޖެހޭނީ އެމެރިކާއާ ދެކޮޅަށެވެ.