މާސިންގާ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ފިރިހެނަކު ނިއުޔޯކުން ސްކޮޓްލަންޑަށް ފަލިޖަހައިފައި ދާން ދަނިކޮށް ތޫފާނެއްގައި ތާށިވެ، ލޯންގް އައިލެންޑް އާއި ހަމައިން ކޯސްޓް ގާޑުން އޭނާ ސަލާމަތް ކުރީ ކަމަށް ޔޫއެސް ކޯސްޓް ގާޑުންގެ އޮފިޝަލަކު ރިއުޓާސް އަށް މައުލޫމާތު ދިނެވެ.

ސްކޮޓްލަންޑް އަށް ނިސްބަތްވާ 39 އަހަރުގެ ނިއަލް އެއިން މެކްޑޮނާލްޑް ސެޓެލައިޓް ފޯނަކުން ކޯސްޓް ގާޑަށް ގުޅާފައި އޭނާ ހުރީ ޒަހަމުވެފައިކަމަށާއި އެހީއަށް އެދުނުކަމަށް އެއޭޖެންސީގެ އޮފިޝަލަކު އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަގުތުން ކޯސްޓް ގާޑުން މެކްޑޮނާލްޑް ސަލާމަތްކުރުމަށް ހެލިކޮޕްޓަރެއް ފޮނުވާލި އެވެ. ނަމަވެސް ތޫފާނު އިތުރަށް ގޯސްވެ، ވިދަން ފެށުމުން ހެލިކޮޕްޓަރު އަނބުރާ ގެންނަންޖެހުނީ އެވެ. ދެން އެއޭޖެންސީ އިން ފޮނުވީ އެމީހުންގެ ރެސްކިއު ބޯޓެވެ. މިބޯޓުގައި ޕެރެމެޑިކްސް (އަވަސް ފަރުވާދޭ ޑޮކްޓަރުން) ވެސް ތިއްބެވެ. މެކްޑޮނާލްޑްގެ 24 ފޫޓުގެ ބޯޓު ރެސްކިއު ޓީމަށް ފެނުނީ ހަމަ އެދުވަހުގެ މެންދަމު ބާރައިގެ ފަހުންނެވެ.

' އެނާ ކުޅޭ ކުޅޭ ބުދެއްހެން ރާޅާއެކީ ބޯޓުގެ އެކި ދިމަދިމާލަށް އެއްލަނީއެ' ރެސްކިއު ބޯޓުގެ ކެޕްޓަން ލިއުޓެނަންޓް ޖޭމްސް ޕްރޮވޯސްޓް ބުންޏެވެ. ޕްރޮވޯސްޓް ބުނި ގޮތުގައި މެކްޑޮނާލްޑްގެ ބޮލުގެ މަތިން ކަނޑައިގެން ގޮސް މުޅި ގައިވަނީ ލެއިން ތަތްތެޅިފަ އެވެ.

މެކްޑޮނާލްޑްގެ ވެބްސައިޓުން އެނގިފައިވާ ގޮތުގައި އޭނާ ގަސްތުކޮށްގެން ހުރީ ފަލި ޖަހައިގެން ތިން މަސް ދުވަހުން އައިލް އޮފް ލެވިސް ގައި އޮންނަ އޭނާގެ ރަށް ކަމަށްވާ ސްޓޯންއަވޭ އަށް ދިޔުމަށް ފަހު ސްކޮޓިޝް އެސޯސިއޭޝަން ފޮ މެންޓަލް ހެލްތް ކިޔާ ފަންޑަކަށް ފައިސާ ހޯދުމަށެވެ.

މެކްޑޮނާލްޑް ސަލާމަތް ކުރުމަށް ފަހު ކޯސްޓް ގާޑުން އޭނާ ވަނީ އެމެރިކާގެ އަވަށެއް ކަމަށްވާ ނިއު ޖާޒީގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.