17 Jun 2014, 10:34
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލާގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ނިޒާމް ގެއްލިގެން ދިޔަ އެވެ. އެހެން ކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވީ މަޖިލީހުގެ ދައިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ ހައްލު ކުރެއްވުމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލެއްވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވީ "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"، އެ ބިލް ހުށަހެޅުއްވި އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަނބުރާ ގެންދެވި ހިސާބުން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސަގައި ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބިލެއް ހުށަހެޅި އެ ބިލް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު އެ ބިލް މަޖިލީހުގެ ކޮމެޓީއަަކަށް ފޮނުވަން ބަލާ އިރު މިވަގުތު މަޖިލީހުގައި އެއްވެސް ބިލެއް ފޮނުވާނެ އެއްވެސް ކޮމެޓީއެއް ނެތް ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ނަންގަވަމުން ގެންދެވި ނިޒާމީ މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅިއްޖެ ނަމަ އެ ބިލެއް ފޮނުވުމަށް ޓަކައި ވަގުތީ ކޮމެޓީއެއް އުފައްދަވައި އެ ބިލެއް މަޖިލީހުގެ ވަގުތީ ކޮމެޓީއަކަށް ފޮނުވިދާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށައި އަދި އެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅަށް ރައްދުދެއްވައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ހުދުމުޙްތާރު ގޮތަކަށް ކަމަށާއި އަދި މިހާރު ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީ އިން ނިންނާފައިވާ ގޮތުގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެ މެންބަރުން ވިދާޅުވީ ދާއިމީ ކޮމެޓީތައް އެކުލަވާ ނުލެވެނީސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ނަމަވެސް ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވީ ނިމިގެން ދިޔަ 17 ވަނަ މަޖިލީހުގައި އެމްޑީޕީ މެންބަރުން ކަންކަން ހިންގި ގޮތަށް އެކަންކަން ހިންގަން ފުރުސުތު ދެން ނުދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.