ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން ބަލިވި މެޗުގައި އެ ޓީމުގެ ލިއޮނެލް މެސީ ހުއްޓުވަން ބެހެއްޓި ތިން ކުޅުންތެރިންނަށް ވެސް އެކަން ނުވި ކަމަށް ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ގޯލްކީޕަރު އަސްމީރް ބެގޮވިޗް ބުނެފިި އެވެ.

ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ބޮސްނިއާ އަތުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ މޮޅުވި މެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން މެސީ އެވެ. ބޮސްނިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ތަފާތަކީ މެސީ ކަމުގައި ބެގޮވިޗް ގަބޫލުކުރެ އެވެ.

"އަހަރެމެން މެޗުން ބަލިވި ނަމަވެސް މެޗުގެ ތަފާތަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ،" އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއަށް ކުޅެމުންދާ ގޯލްކީޕަރު ބުންޏެވެ. "އޭނާ އަތުގައި ބޯޅަ އޮންނަ ކޮންމެ ފަހަރު ތަފާތެއް ގެނުވި. މެސީ އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އޭނާ ހުއްޓުވަން އޭނާ ކައިރީ ތިން ކުޅުންތެރިން ބަހައްޓަން. އެކަމަކު ވެސް އޭނާ ލަނޑެއް ކާމިޔާބުކުރި. އާޖެންޓީނާގައި މެޗުގެ ނަތީޖާ ނެރެވޭނެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ތިބި. އެކުޅުންތެރިންގެ ތެރެއިން މެސީ އަކީ ވަކިން ހާއްސަ ކުޅުންތެރިއެއް."

އާޖެންޓީނާ ޓީމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބެގޮވިޗް ބުނީ، އާޖެންޓީނާ އަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް ވިޔަސް، އެމީހުންނަށް މުބާރާތް ކާމިޔާބުކުރުމަށް ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށެވެ.

ގްރޫޕް އެފްގައި އާޖެންޓީނާ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގައި އީރާނާ ދެކޮޅަށް ނުކުންނަ އިރު، އެރޭ 3:00ގައި ބޮސްނިއާ ނުކުންނާނީ ނައިޖީރިއާ އާ ދެކޮޅަށެވެ.