ވޯލްޑް ކަޕުގައި ވާދަކުރާ ނައިޖީރިއާގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ސްޓެފަން ކެޝީ ބުނެފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ގްރޫޕް އެފްގައި އޭޝިއާގެ އީރާންއާ ދެކޮޅަށް ކުޅުނު މެޗުން އެފްރިކާގެ ޗެމްޕިއަން ނައިޖީރިއާ ވަނީ އެއްވަރުވެފަ އެވެ. އީރާނާއި ނައިޖީރިއާ ރޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

"ޓީމުގެ ކުޅުންތެރިން ކުޅުނީ މާބޮޑަށް ހާސްވެ، އަވަސްވެގަނެގެން،" އީރާނާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮޕްޓިމާ ލައިވް އަށް ދިން އިންޓަވިއެއެއްގައި ކޯޗު ކެޝީ ބުންނެވެ. "އެއީ ފުޓްބޯޅައިގައި ވެދާނެ ގޮތެއް. އީރާންއާ ދެކޮޅަށް ކުޅެވުނީ ކުރިން އަހަރެމެން އުންމީދުކުރި ގޮތަކަށް ނޫން. ދެން އަހަރެމެން ވިސްނަންވީ ކުރިއަށް އޮތް މެޗާއި މެދު. އަހަރެން ބޭނުންވީ މެޗުން މޮޅެއް ހޯދަން. ބޮސްނިއާ އަތުން މޮޅުވުން އަހަރެމެންނަށް ވަރަށް މުހިންމު."

ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ގްރޫޕްގެ ފުލުގައި އޮތް ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށެވެ. އެރީނާ ޕެންޓަނަލްގައި ކުޅޭ މި މެޗަށް ނައިޖީރިއާ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 3:00ގަ އެވެ.