ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެޕޭ އަށް ރަތް ކާޑު ދެއްކީ ޖަރުމަނުގެ ތޯމަސް މުލާ ގަސްދުގައި ކުރި ކަމަކުން ނޫން ކަމުގައި މުލާ ބުނެފި އެވެ.

އެރީނާ ފޮންޓެ ނޯވާގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޕޯޗުގަލް އަތުން 4-0 ލަނޑުން ޖަރުމަނު މޮޅުވުމަށް ޓަކައި މުލާ ވަނީ ޕޯޗުގަލް ޑިފެންޑަރު ޕެޕޭ އަށް ރަތް ކާޑެއް ދައްކުވައި، މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.

ރޭގެ މެޗުގެ އޮއިވަރު ބަދަލުވެ، މެޗު ހޫނުވި ވަގުތަކީ މުލާ އާއި ޕެޕޭގެ ކުރިމަތިލުގެ ވަގުތު ކޮޅެވެ. ޕޯޗުގަލްގެ ހާފް ތެރެއަށް މަތިން އައި ބޯޅައެއް ހޯދުމަށް ދެ ކުޅުންތެރިން ވެސް އެރި ވަގުތުގައި ޕެޕޭގެ އަތުން މުލާގެ ގައިގައި ޖެހުމުން ރެފްރީ ވަނީ ފައުލެއް ކަމަށް ނިންމައި، ކަށިގަނޑު ގޮއްވައިފަ އެވެ. އެވަގުތު ވެއްޓިފައި އޮތް މުލާގެ ބޮލުގައި ބޯޅަ ނެތިސް ގަސްތުގައި ޕެޕޭގެ ބޯ ޖެއްސުމުން ރެފްރީ ވަނީ ޕެޕޭ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

"އަހަރެން ފުރަތަމަ ބޭނުމީ އެ ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ރީޕްލޭ އަށް ބަލައިލަން. އަހަރެންގެ އެއްވެސް ކުށެއް ނެތް ކަމަށް އަހަރެން ގަބޫލުކުރަން. އެއީ އަހަރެން ގަސްތުގައި ރެފްރީ ލައްވާ އޭނާ އަށް ދެއްކުވި ރަތް ކާޑެއް ނޫން. މީޑިއާގައި ތިކަހަލަ ވާހަކަތަކެއް ދެކެވޭނެ." މުލާ ބުންޏެވެ.

މުލާ އިތުރަށް ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ، ތިން ގޯލު ކާމިޔާބު ކުރުމަކީ ވަރަށް އުފާވެރިކަމެއް ކަމެއް ކަމަށާއި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ނަން ފުޓްބޯޅައިގެ ތާރީހުގެ ތެރޭގައި ލިޔެފައިވާނެ ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ޖަރުމަނު ކުޅޭ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00ގައި ނުކުންނާނީ ގާނާއާ ދެކޮޅަށެވެ.