ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދޭނެ އުސޫލުތަކެއް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ބިލް" އަނބުރާ ގެންދަވައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް" މިއަދު އަނބުރާ ގެންދަވާފައި ވަނީ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައި މިއަދު ބަހުސް ކުމަރުހަލާ ފެށުމުގެ ކުރިންނެވެ.

ބިލް އަނބުރާ ގެންދަވި ސަބަބެއް ކަމަށް ރޮޒޭނާ ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހަޅުއްވައިގެން މިވަގުތު ބިލް ފޮނުވާނެ ކޮމެޓީއެއް މަޖިލީހުގައި ނެތް ކަަމަށެވެ. އެހެން ކަމުން ބިލް ފޮނުވާނެ ކޮމެޓީއެއް ނެތީސް އެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބިލާ މެދު ގޮތެއް ނުނިމި އޮތުމަކީ ވަދާނެ ކަމެއް ކަަމަށް ފެންނާތީ ކަމަށެވެ.

"އެހެން ކަމުން މި ބިލް މިވަގުތު މި މަޖިލީހުގައި ބޭއްވުމަކީ މި ބިލްގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމެއް. ވީމާ މެޑިކަލް އެސޯސިއޭޝަންގެ ލަފާގެ މަތިން މި ބިލަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެސް ފުރިހަމަ ކުރުމަށް ޓަކައި އަޅުގަނޑު ބޭނުން ވަނީ މި ބިލް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަލުން ދިރާސާކޮށް، މިއަށް ބޭނުންވާ ބަދަލުތައް ގެންނަން،" ރޮޒެއިނާ ވިދާޅުވި އެވެ. "އެހެން ނޫނިއްޔާ މި މަޖިލީހުގެ ކޮމިޓީ އުފެދިގެން ދިއުމާ ދޭތެރޭގައި މިދާ ހުރިހާ ދުވަހަކީ މި ބިލްގެ އެއްވެސް މަސައްކަތެއް ފުރިހަމަ ނުވެގެން ދާނެ ދުވަހެއް ކަން އަޅުގަނޑު ފާހަގަކުރަން." ރޮޒައިނާ ވިދާޅުވި އެވެ.

"ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"ގެ ނަމުގައި އެފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އުފުލަން ޖެހޭ ޒިންމާ އެކަށައަޅައި ދިނުން ކަމަށް މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ހުށަހެޅުއްވި ބިލްގައިވާ ގޮތުން ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމަކަށް ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހަކާ މެދު ސިއްހީ ފަރުވާދޭ މީހަކުވި އިހްމާލެއްގެ ނަތީޖާއެއްގެ ގޮތުން އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވިއްޖެ ނަމަ އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވުނު ދުވަސްތަކަށްވާ އަދަދަށް ފައިސާގެ ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ. ހަމަ އެހެންމެ ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން އޭނާ އިތުރަށް ހޯދަން ޖެހުނު ފަރުވާ އަށް ދިޔަ ޚަރަދު ވެސް ހޯދަން ކޯޓުގައި އެދެވޭނެ ކަމަށް އެ ބިލްގައި ބުނެ އެވެ.