ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ބޮސްނިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ކުރިމަތިވި ސެކިއުރިޓީގެ މައްސަލަ ފީފާ އަދި މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީއަށް މާ ބޮޑު މައްސަލައަކަށް ނުވި އެވެ.

ޔޫޓިއުބްގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެސްޓޭޑިއޯ މެރަކާނޯ ގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބެލުމަށް ޓަކައި ޓިކެޓް ނެތި 30 ވަރަކަށް ސަޕޯޓަރުން ދަނޑަށް ވަދެފައިވެ އެވެ. ސެކިއުރިޓީ ބަލަހައްޓަން ތިބި ފަރާތްތަކަށް ނުހުއްޓުވުނު އެ ސަޕޯޓަރުންގެ ތެރެއިން ބައެއް ސަޕޯޓަރުން ގޭޓުން ވަތް އިރު، ފާރު ބުރިއެއް މަތިން ވެސް ބައެއް ސަޕޯޓަރުން ދަނޑަށް ވަދެފައިވެ އެވެ. ޓިކެޓް ނެތި ދަނޑަށް ވަދެފައިވާ ނުވަ ސަޕޯޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ ކޮމިއުނިކޭޝަނާ ހަވާލުވެހުރި ސެއިންޓް ކްލެއާ މިލޭސީ ވިދާޅުވީ، ދަނޑުގެ ސެކިއުރިޓީ ބަހައްޓާ ފަރާތްތަކުން ޓިކެޓް ނެތި ދަނޑަށް ވަތް މީހުން ފާހަގަކޮށް، ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"މާ ގިނައިރުތަކެއް ނުވެ، ފާރުމަތިން ދަނޑަށް ވަތް މީހުން ވާނީ ފުލުހުންނާ ހަވާލުކޮށްފަ. އަހަރެމެން ގެންގުޅުނު ދެވަނަ ރޭވުން ވަރަށް ފުރިހަމައަށް ކާމިޔާބުވި،" ނޫސްވެރިންނަށް މައުލޫމާތު ދެމުން މިލޭސީ ވިދާޅުވި އެވެ. "ދަނޑަށް ވަތް އެ މީހުންނަކީ ކުށުގެ ރެކޯޑްތަކެއް އޮތް ބައެއް. އެމީހުންނަށް މިހާރު ވަރަށް ރަނގަޅު މެސެޖެއް ލިބޭނެ."

ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ ބޮސްނިއާ އަތުން 2-1 ގެ ހަނި ތަފާތަކުން ވަރުގަދަ އާޖެންޓީނާ މޮޅުވި މެޗަކީ މި މުބާރާތުގައި މިހާތަނަށް ކުޅި ބަލަން އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވަތް މެޗެވެ. އެ މެޗު ބަލަން 74،738 ސަޕޯޓަރުން ދަނޑަށް ވަދެފައި ވެއެވެ.

މިހާރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕުގައި ޓިކެޓް ނެތި ގިނަ ބަޔަކު ދަނޑަށް ވަންނަން މަސައްކަތްކުރާ އިރު، ސައްހަ ނޫން ވަގު ޓިކެޓްތައް ބޭނުންކޮށްގެން ދަނޑަށް ވަންނަން މަސައްކަތްކުރާ މީހުން ވެސް މަދެއް ނޫނެވެ.