17 Jun 2014, 09:39
ބްރެޒިލްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ފެނިގެން ދިޔަ މެޗު ކަމަށްވާ ސްޕެއިން އާއި ނެދަލެންޑްސް ކުޅުނު މެޗަކީ މި މުބާރާތުގައި މިހާތަނަށް ސްޓޭޑިއަމްގައި އެންމެ ގިނަ ހުސް ގޮނޑި ފެނިގެންގޮސްފައިވާ މެޗެވެ.
ފީފާގެ މެޗު ރިޕޯޓުގައި ވާ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އަތުން އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑްސް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުގައި ސެލްވަޑޯގެ އެރީނާ ފޮންޓޭ ނޯވާގައި 3،500 އަށް ވުރެ ގިނަ ހުސް ގޮނޑި ހުރިކަމަށް ވެއެވެ. މި މެޗަކީ މުބާރާތުގައި އެންމެ މަދުން ކުޅިބަލަން މީހުން ވަދެފައިވާ މެޗު ކަމަށް ނުވި ނަމަވެސް 48،173 ސަޕޯޓަރުން ކުޅިބަލަން ވަދެފައިވާ އެ މެޗަކީ މިހައިތަނަށް، ބޭނުން ނުކުރާ ސީޓްތައް އެންމެ ގިނައިން ހުރި މެޗުކަމަށް ވެއެވެ.
ހުރިހާ މެޗުތަކެއްގެ ޓިކެޓް ގާތްގަނޑަކަށް ވިކި ހުސްވެފައިވާ ކަމަށް މުބާރާތް ފެށުމުގެ ކުރިން ފީފާއިން ބުނެފައި ވީ ނަމަވެސް ބްރެޒިލްގައި މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ 12 ސްޓޭޑިއަމް ގައި ކުޅޭ ގިނަ މެޗުތަކެއްގެ ޓިކެޓް ނުވިކި ހުރިކަމަށް ފީފާއިން ފަހުން ވަނީ ބުނެފައެވެ.
"ހުސްކޮށް ފެންނަ ސީޓް ތަކަކީ، ބެލެވޭގޮތުގައި ޓިކެޓް ގަނެފައި ދަނޑަށް ހާޒިރު ނުވާމީހުން ނުވަތަ، ޓިކެޓް ބަލައި ނާންނަ ފަރާތްތަކުގެ ސީޓްތައް،" މިހާރު ދަނޑަށް ވަންނަ މީހުންގެ އަދަދު ހީކުރި ވަރަށް ވުރެ މަދުކަން ފާހަގަކޮށް ފީން ބުނެފައި ވެއެވެ.