ތިންޕޫ (ޖޫން 17): ދެކުނު އޭޝިޔާގައިވާ އިންޑިޔާގެ އަވަށްޓެރި ގައުމުތަކާއި ގުޅުންތައް ރަނގަނޅު ކުރުމަށް އިންޑިޔާގެ އައު ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ބޫޓާނުން ދީފި އެވެ.

ބޫޓާނުން މިޔަގީންކަން ދީފައި ވަނީ އިންޑިޔާގެ އައު ބޮޑުވަޒީރު ނަރަންދުރަ މޯދީ، އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމާ ގުޅިގެން އެދެގައުމުގެ ސަރުކާރުން ނެރުނު ގުޅިފައިވާ ބަޔާނުގަ އެވެ. އިންޑިޔާގެ އައު ބޮޑުވަޒީރު ނަރަންދުރަ މޯދީ، ބޫޓާނަށް ކުރެއްވި މިދަތުރުފުޅަކީ މިދިޔަ މަހު އިންޑިޔާގެ ބޮޑުވަޒީރުކަމާ އޭނާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި މޯދީ ވަނީ ބޫޓާންގެ ރަސްގެފާނު ގިޖްމޭ ޚެސާ ނަމްގިޔެލް ވަންޗުކް އާއި ބޮޑުވަޒީރު ޝެރިން ޓޮބްގޭ އާ ވަކިވަކިން ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މޯދީގެ ބުޓާން ދަތުރުފުޅު އިއްޔެ ނިންމާލައްވާފައިވާ އިރު މިދަތުރުފުޅާ ގުޅިގެން އެދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި އިންޑިޔާއާ ދެކޮޅަށް އެއްވެސް ހަރަކާތެއް އަދި އަމަލެއް ހިންގުމަށް ބޫޓާނުގެ ބިން ބޭނުންކުރުމުގެ ފުރްސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ބޫޓާނުން ވައްދުވެފައިވެ އެވެ. އިންޑިޔާ އިން ވެސް ވަނީ ބޫޓާނުގެ އަމަނާއި ސަލާމަތާ އަދި ރައްކާތެރިކަން ހިމާޔަތްކޮށްދިނުމުގައި ޖާމިނުވާނެކަމުގެ ޔަގީންކަން ދީފަ އެވެ.

އިންޑިޔާގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ މާއޮއިސްޓް ޖަމާއަތް ފަދަ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތްތަކުގެ ހަނގުރާމަވެރިން އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓްތަކަށް ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގައި ބޫޓާނުގެ ބިން ބޭނުން ކުރަމުން ގެންދާކަމަށް އިންޑިޔާ ތުހުމަތުކޮށްފައިވެ އެވެ. ބޫޓާނަކީ އިންޑިޔާގެ އިރުއުތުރު ފަޅީގައިވާ ހިމާލިޔާ ފަރުބަދަތަކުގެ އުސް ސަރަހައްދުގައި ވަށައިގެން ބެދިފައި އޮންނަ އެކަހެރި ގައުމެކެވެ.

އިންޑިޔާގެ އަވަށްޓެރި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާން ފިޔަވައި އެހެން ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށާއި އެގައުމުތަކުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ޗައިނާ ކުރަމުންގެންދާ އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކަކީ އިންޑިޔާ އަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ގެނަސްދޭ ކަމެކެވެ. ޗައިނާ އިން އިންފްރާސްޓްރަކްޗާގެ ރޮނގުގައި އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް ކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނުގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާ ހިމެނެ އެވެ. މި ގައުމުތަކަކީ އިންޑިޔާގެ ބާރާއި ނުފޫޒު އޮންނަންޖެހޭ ކަމަށް އިންޑިޔާގެ ސިޔާސީ ރޭވުންތެރިންދެކޭ ދެކުނު އޭޝިޔާގައިވާ އިންޑިޔާގެ ޖިޔޮސްޓްރެޓީޖިކް ސަރަހައްދުގައިވާ ގައުމުތަކެއް ކަމަށްވާތީ މިގައުމުތަކަށް ޗައިނާގެ ނުފޫޒު ވަނުމަކީ އިންޑިޔާ ވަރަށް ކަންބޮޑުވާކަމެކެވެ.

ޗައިނާ ގެންދަނީ އިންޑިޔާއަށް ފައިނޭންސް ނުކުރެވޭވަރުގެ ބޮޑެތި ބިޔަ އިންފްރާސްޓްރަކްޗާގެ އެތައް މަޝްރޫޢެއް ދެކުނު އޭޝިޔާގެ ގައުމުތަކުގައި ހިންގައި އެގައުމުތަކުގައި އެތައް ބިލިޔަން ޑޮލަރެއް އިންވެސްޓް ކުރަމުންނެވެ. ޗައިނާގެ މިއިންވެސްޓްމަންޓްތަކަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި އިގްތިސާދީ ގޮތުން ފައިހަރުކޮށް އެސަރަހައްދުން އިންޑިޔާގެ ނުފޫޒު ކުޑަކުރުމަށް ޗައިނާ އިން ކުރާ އިގްތިސާދީ ހަނގުރާމައެއް ކަމަށް އިންޑިޔާގެ ސިޔާސީ ރޭވުންތެރިން ދެކެ އެވެ.

ޗައިނާގެ އަގު ބޮޑު އިންވެސްޓްމަންޓްތަކުގެ ސަބަބުންނާއި ސްރީލަންކާއާއި ނޭޕާލްފަދަ ބައެއް ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އިންޑިޔާ ކުރިން ގެންގުޅެފައިވާ ސިޔާސަތުތަކުގެސަބަބުން ދެކުނު އޭޝިޔާގެ ގިނަ ގައުމުތައް އިންޑިޔާމެދު ޝައްކުގެ ނަޒަރަކުންދެކޭތީ ފަހަކަށް އައިސް މިގައުމުތަކާއި އިންޑިޔާއާ ދެމެދު ބަދަހި ގުޅުންތަކެއް ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން ދެކުނު އޭޝިޔާގެގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަވެ ދެކުނު އޭޝިޔާ ސަރަހައްދުގައި އިންޑިޔާ އެކަހެރިވަމުންދާ ކަމުގެ އިޙްސާސް ވެސް އިންޑިޔާ ތަޖްރިބާ ކުރަންޖެހިފައިވާ ކަމަށް މުޙައްލިލުން ދެކެ އެވެ.

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ބޫޓާނަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ ބޫޓާނުގެ ތަރައްގީއާއި ކުރިއެރުމަށް އިންޑިޔާ އިން ބޮޑެތި އެހީތަކެއް ވެދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ޗައިނާއާ އަޅާބަލާއިރު އިންޑިޔާއަކީ އިގްތިސާދީގޮތުންނާއި ސިނާއީ އުފެއްދުންތެރި ކަމުގެ ގޮތުންނާ އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާތަކުގައި މާ ފަހަތުގައި އުޅޭ ގައުމަކަށްވާތީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތަރައްގީ އަށް ޗައިނާ އިން ކުރާ ބިލިޔަން ޑޮލަރުގެ ހޭދައާ ގާތްކުރާ މިންވަރަށް ވެސް އެކަމުގައި އިންޑިޔާއަށް ޚަރަދު ނުކުރެވޭނެ ކަމަށް މުރާސިލުން ބުނެ އެވެ.

މީގެ އިތުރުން އިންޑިޔާއަކީ ދެކުނު އޭޝިޔާގެ ގައުމުތައް އުންމީދުކުރާ ފަދަ ޒަމާނީ ތަރައްގީ އެގައުމުތަކަށް ހާސިލްކޮށްދެވޭ ފެންވަރުގައި މާލީ ހާލަތު އޮތް ގައުމެއްނޫން ކަމަށް ވެސް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މޯދީ ބޫޓާނަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިންޑިޔާގެ ޚާރިޖީ ވަޒީރުޝުސްމާ ސްވަރާޖް ވަނީ ބޫޓާނަށް ބޭނުންވާ ތަރައްގީ ޙާސިލް ކުރުމަށްޓަކައި އިންޑިޔާއަކީ ބޫޓާނަށް ބަރޯސާ ވެވިދާނެ ގައުމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)