17 Jun 2014, 05:33
ވޯލްޑް ކަޕް 2014ގައި މިހާތަނަށް ކާމިޔާބު ކުރި އެންމެ އަވަސް ލަނޑާއެކު 1-2 ލަނޑުން ގާނާ އަތުން އެމެރިކާ މޮޅުވެއްޖެ އެވެ.
އެރީނާ ޑަސް ޑުނާސްގައި އެމެރިކާ އާއި ގާނާ ކުޅުނު ގްރޫޕް ޖީގެ މެޗަށް އެމެރިކާ ނުކުތީ މިދިޔަ އަހަރު ހެދި ގައުމީ ރެކޯޑަކާއެކު އެވެ. މިދިޔަ އަހަރު އެމެރިކާ ވަނީ މެދު ނުކެނޑި 12 މެޗުން މޮޅުވެފައެވެ. މެޗަށް ނުކުތް އިރު، ގާނާ މޮޅުވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ނަމަވެސް އެމެރިކާއިން ވަނީ ގާނާ ހުއްޓުވައިފައެވެ. ގާނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެމެރިކާ ކަޓުވާލި ޓީމެވެ.
މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ލީޑު ނެގީ އެމެރިކާ އިންނެވެ. މެޗުގެ 31 ވަނަ ސިކުންތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްލިންޓް ޑެމްޕްސީ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. އަދި މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ފަސްވަނަ އަށް ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ. ވޯލްޑް ކަޕުގައި އެންމެ އަވަސް ލަނޑަކީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ ދެކޮޅަށް ކުޅުނު މެޗުގެ 11 ވަނަ ސިކުންތުގައި ހާކާން ސޫކާ ތުރުކީއަށް ކާމިޔާބުކޮށްދިން ލަނޑެވެ.
މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާ އުފެއްދި ޓީމަކީ ގާނާ އެވެ. އެމެރިކާ ގޯލަށް ގިނަ ހަމަލާތަކެއް ގާނާ އިން ފޮނުވާލި ނަމަވެސް އެމެރިކާގެ ގޯލް ކީޕަރު ޓިމް ހޮވާޑް ބަލަހައްޓަމުން ދިޔަ ގޯލަށް ވައްދާލެވުނީ އެންމެ ލަނޑެކެވެ. އެ ލަނޑު ކާމިޔާބުކޮށް، ގާނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަންދުރޭ އަޔޫ އެވެ. މެޗުގެ 82 ވަނަ މިނެޓްގައި އަސަމޮއާހް ޖިޔާންގެ ބޯޅައަކުން އަޔޫ ކާމިޔާބުކުރި މި ލަނޑަކީ ވޯލްޑް ކަޕުގެ ތާރީހުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
އަޔޫގެ ލަނޑާއެކު ގާނާއަށް އެއްވަރުކޮށްލައިގެން މާ ގިނައިރުތަކެއް ވަންދެން އޮވެވޭގޮތެއް ނުވި އެވެ. ގާނާ އިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓް ފަހުން ގްރަހަމް ޒޫސީގެ ބޯޅައަކުން އެމެރިކާއަށް އަލުން ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނުނު ޒުވާން ޑިފެންޑަރު ޖޯން ބްރޫކްސް އެވެ. މި ލަނޑަކީ އެމެރިކާ އަށް އުފަން ބްރޫކްސް، އެމެރިކާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖެހި ފުރަތަމަ ލަނޑުވެސް މެއެވެ.
ގްރޫޕް ސްޓޭޖުގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެމެރިކާ އޮތީ ގްރޫޕް ޖީގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ މިރޭ 4-0 ލަނޑުން ޕޯޗުގަލް އަތުން މޮޅުވި ޖަރުމަނެވެ. ގްރޫޕް ސްޓޭޖުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 12:00ގައި އެމެރިކާ ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. އަދި އެރޭ 3:00ގައި ގާނާ ނުކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.