17 Jun 2014, 02:53
ވޯލްޑް ކަޕް 2014ގެ ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ. މި ނަތީޖާއާ އެކު މި މެޗު ވެގެން ގޮސްފައި ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގައި ދެޓީމު އެއްވަރު ވެގެން ނިމުނު ފުރަތަމަ މެޗަށެވެ.
ކްރިޓިބާގެ އެރީނާ ޑަ ބައިޒާޑާގައި ކުޅުނު މި މެޗް އެއްވަރު ވެގެން ނިމިފައިވާ އިރު، މުބާރާތުގައި މީގެ ކުރިން ކުޅުނު 12 މެޗުގެ ތެރެއިން ގިނަ މެޗުތަކުގައި ގިނަ އަދަދެއްގެ ލަނޑުތައް ވަނީ ފެނިގެން ގޮސްފައެވެ.
ނައިޖީރިއާ ޓީމުން ފުރަތަމަ ހާފްގެ ބޮޑުބައެއްގައި ރަނގަޅަށް ކުޅުނު ކަމުގައި ވީ ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ވަރަކަށް ހިފިފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފާ އަޅާ ބަލާއިރު ދެވަނަ ހާފުގައި އެޓީމަށް އީރާންގެ ގޯލަށް ނުރައްކާ ކުރަން ލިބުނު ފުރުސަތުތައް މަދުކަން ވެސް ފާހަގަ ކުރެވެއެވެ.
މެޗުގެ ހަތް ވަނަ މިނިޓުގައި ނައިޖީރިއާއަށް އީރާނުގެ ގޯލް ހުޅުވާލަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން، އެޓީމުގެ ފޯވާޑް އަހްމަދު މޫސާ ހިފި ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އީރާނުގެ ގޯލްތެރެއަށް ވަދެގެން ދިއުމުގެ ކުރިން، ޖޯން އޮބީ މިކޭލް އީރާނުގެ ގޯލް ކީޕަރު އަލީރެޒާ ހަޣީޣީއަށް ފައުލު ކޮށްފައި ވާތީ، ރެފްރީ ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމައިފައެވެ.
ނައިޖީރިއާގެ ގޯލަށް އީރާނުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ، މެޗުގެ 34 ވަނަ މިނިޓުގައެވެ. އެޓީމުގެ ރެޒާ ޣޫޗެނީޖާދު ބޮލުން ޖަހައި ފޮނުވާލި ބާރު ހަމަލާ، ނައިޖީރިއާގެ ގޯލް ކީޕަރު ވިންސެންޓް އެންޔީމާ ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުގައި ނައިޖީރިއާއިންބޯޅަ ކޮންޓްރޯކޮށްގެން 64 ޕަސެންޓް ކުޅެފައި ވާ އިރު އީރާންގެ ބޯލް ޕޮސެޝަން އުޅެނީ 34 ޕަސެންޓުގައެވެ. އީރާނު ގޯލަށް ނައިޖީރިއާއިން ޖުމުލަ 10 ހަމަލާ އުފެއްދި އިރު ގޯލަށް އަމާޒު ކުރެވިފައި ވަނީ ހަ ހަމަލާއެވެ. އީރާނުން ނައިޖީރިއާ ގޯލަށް ޖުމުލަ ހަތް ހަމަލާ ފޮނުވާލި އިރު ގޯލަށް އަމާޒު ކުރެވިފައި ވަނީ އެންމެ ތިން ހަމަލާއެވެ.
މި ނަތީޖާއާ އެކު ގްރޫޕް އެފްގެ އެއް ވަނައިގައި މިވަގުތު އޮތީ، ބޮސްނިއާ އަތުން 2-1 މޮޅުވެގެން ރޭ ތިން ޕޮއިންޓު ހޯދި އާޖެންޓީނާއެވެ. އީރާނާއި ނައިޖީރިއާ ކޮންމެ ޓީމަކަށް އެއް ޕޮއިންޓު ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތީ ބޮސްނިއާއެވެ.
ގްރޫޕް އެފްގައި ނައިޖީރިއާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 3:00ގައި ބޮސްނިއާއާ ދެކޮޅަށް ނުކުންނައިރު 21 ވަނަ ދުވަހުގެ ރޭ 9:00ގައި އީރާން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.