06 Jan 2011, 04:39
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި އަނިޔާވެރި އަމަލްތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ، އެ އުސޫލަށް އަނެއްކާ ވެސް ރާއްޖެ ރުޖޫއަވެދާނެތީވެ ބިރުފުޅުގަންނަ ކަމަށާއި އެކަމާ ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅުގެ ރަށްތަކަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގދ. ގައްދުއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އެމްޑީޕީ ނުކުތީ، އަނިޔާވެރިކަމާއި ޖަލުގެ އަނިޔާ އިންތިހާ އަށް ރާއްޖޭގައި އިތުރުވެ، މިލިޓަރީ ވެރިކަމެއް މި ގައުމަށް ގެންނަން ކުރީގެ ސަރުކާރުން މަސައްކަތް ކުރިކަން ޔަގީން ވުމުން ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލު ކުރެވުނު ނަމަވެސް ރައްޔިތުން ފަހުން ނިންމާފާނެ ގޮތަކުން، އިހު ހުރި ގޮތަށް އަނެއްކާ ވެސް ރާއްޖެ ރުޖޫއަ ވެދާނެތީވެ ބިރުފުޅު ގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އީވާން ނަސީމްގެ ހާދިސާއަކީ އަޅުގަނޑު ހަމަގައިމު ވެސް ދުށް ގޮތުގައި، ދެން ޖެހިގެން އަންނަ ދުވަހު އަޅުގަނޑުގެ ގޭ ދޮރުގައި ޓަކި ޖަހާލައިފައި 'މިއޮތީ ރޭގައި ދިމާވި ހާދިސާއެއްގައި ދަރިފުޅު މަރުވެފައޭ، ދެން ވަޅުލާށޭ.' އެހެން ކިތަންމެ ގައުމެއްގައި މި މަންޒަރު، މި ބަސްތައް މިލިޓަރީ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އިވޭ. އެ އަޑު އަޅުގަނޑުމެންގެ ކަންފަތުގައި ޖެހުމަށް 2003 ވަނަ އަހަރު އޮތީ ނުހަނު ގާތްވެފައި ކަން އަޅުގަނޑުމެންނަށް ޔަގީންވީމާ މި މަސައްކަތާއިގެން ނުކުތީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
އަނިޔާވެރި ވެރިކަމަކަށް މަގުފަހިކޮށްފި ނަމަ އެމަނިކުފާނު ޖަލުގައި ބަހައްޓާފާނެތީ، ބިރުފުޅުނުގަންނަ ކަމަށާއި ބިރުގަނެ، ދެރަވަނީ "އަޅުގަނޑުމެންގެ ދަރިން" ޖަލުގައި ބައިތިއްބަފާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ.
.."އަޅުގަނޑު ބިރުގަނޭ ބިޑި އަޅައި ޗޭނު ޖަހައި ޓިނު ގޮޅީގައި ބައިންދާފާނެތީ. އަޅުގަނޑުމެން ބިރުނަގޭ 18 މަސް ދުވަހާއި ދެ އަހަރު ވަންދެން ޖަލުގައި ބައިތިއްބާފާނެތީ. ބިރުގަންނަނީ އަޅުގަނޑު ބައިންދާފާނެތީ ނޫން، އަޅުގަނޑު ބިރުގަނެ، ދެރަވަނީ އަޅުގަނޑުމެންގެ ދަރިން ޖަލުގައި ބައިތިއްބަފާނެތީ." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މާޒީގެ ވާހަކަތައް އެމްޑީޕީން ދައްކަން ބޭނުން ނުވާ ކަމަށާއި އަދި މާޒީ އިޔާދަ ކުރަން ވެސް ބޭނުން ނުވާ ކަމަށާއި އެންޑީޕީގެ މިސްރާބާ އެކު، ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފިކުރަށް ވޯޓް ދިނުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.