29 Mar 2010, 13:14
14:30
މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ އާއި އެއްވެސް އިޢުލާނުކުރުމެއް ނެތި ތިލަފުށިން ބިންތަކެއް ދޫކުރުމަށް ހަމަޖައްސާފައިވާތީ އެކަން ބަލައިދިނުމަށް ލޭބަރ ޕާޓީން އެންޓި ކޮރަޕްޝަނަށް ހުށަހަޅައިފި އެވެ.
ލޭބަރ ޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާއެއް އޮތް ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، ދައުލަތުގެ ބިންބިމާއި މުދަލުގެ ގޮތުގައި ހުރި ވަރަށް އަގުހުރި ތަކެތި މިދިޔަ އަހަރުތެރޭ ހަވާލުކުރައްވަފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮލިމްޕަހާއި އެތަނުގައި ހުރި ހުރިހާ ސާމާނަކާއި ވަސީލަތްތަކާ އަދި މިނޫންވެސް އެތައް ބިމަކާއި ހަރުމުދާ ވެސް ހިމެނޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި ކުންފުނި އުފެއްދިތާ އަހަރު ދުވަސް ނުވެ އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެންޓަޓެއިމަންޓް ކޮމްޕެނީ ހިންގުމުގައި ކޮރަޕްޝަންގެ މައްސަލަ ހުންނާނެ ކަމަށް ބުނެ ލޭބަރ ޕާޓީން ފޮނުވާފައިވާ އެ ސިޓީގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކުންފުނި ދަރަނިވެ، ބަނގުރޫޓުވާ ހާލަތުގައި އޮތުމާއި ކުންފުންޏަށް ދައުލަތުގެ މިލްކިއްޔާތުން ދިން ބިންބިމާއި އެނޫން ވެސް ވަސީލަތްތަކަކީ ކޮބައިކަން އެނގެން ނެތުން ހިމެނެ އެވެ. އަދި އެ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެ ކުންފުނީގައި ހުރި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެސިޓީގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން އެއްވެސް އިޢުލާނު ކުރުމެއްނެތި ތިލަފުށިން ބިންތަކެއް ދޫކުރުމަށް ހަމަޖައްސާފައިވާކަން ތިލަފުށީ ކޯޕަރޭޝަންގެ ޗީފްއެގްޒެކްޓިވް އޮފިސަރ މުހައްމަދު ޒާހިރު ވިދާޅުވެފައިވާ ކަމަށް ބުނެ، އެކަންތައް މިހާރުން މިހާރަށް ބަލައިދިނުމަށް އެދި ލޭބަރ ޕާޓީން ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.