އެސްޓީއޯ ނޫފަހި ވުމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމް 5-1 ލަނޑުން ބަލިކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ސަންޓީމް ކޮޅަށް ނިއުއިން ޖެހި ފަސް ލަނޑުގެ ތެރެއިން އެޓީމުގެ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ބެމްބެމް ދޭވީ އާއި ފަދުވާ ޒާހިރާ ދެ މީހުން ކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ކާމިޔާބު ކޮށްފައެވެ. ނިއުއަށް ދެން ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ސަހުލާ ތައުފީގެވެ.

ސަން ޓީމުން ނިއު ކޮޅަށް ޖެހި ގޯލް އެޓީމަށް ޖަހައިދިނީ ޕާކިސްތާނު ގައުމީ ޓީމުގެ ކުޅުންތެރިޔާ ހަޖްރާ ހާން އެވެ.

މިރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުއަށް ދެގޯލް ކާމިޔާބު ކޮށްދިން ބެމްބެމް ދޭވީ އެވެ.

މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ނިއުއިން ހޯދާފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޑީއެފްއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ދެ ޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ޕޮލިސްއާ ދެކޮޅަށް ކުޅެ ނިއު މޮޅުވީ 4-0 ލަނޑުންނެވެ. އަދި ތިން ވަނަ މެޗުގައި ސަން ޓީމް އަތުން ނިއު މޮޅުވެފައި ވަނީ 4-0 ލަނޑުންނެވެ.

ފައިނަލުގައި ނިއު އާއި ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ މިރޭ ނިއު އަތުން ބަލިވި ސަން ޓީމް އަދި މުބާރާތުގެ ސެމީގެ ތިން ވަނަ ޖާގަ ހޯދި އެމްއެންޑީއެފް ކުޅޭ މެޗަށް ފަހު އެވެ. އެ މެޗް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 9:15 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު ހަވީރު 4:15 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.