ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގައުމު ތަރައްގީ ކުރެވޭނެ މަންޒަރު ފެންނަމުންދާ ކަމަށް މިރޭ ޕީޕީއެމް އަށް ސޮއި ކުރެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ޕީޕީއެމް އަށް ސޮއި ކުރެއްވީ ގައުމު ތަރައްގީ ކުރުމުގެ ފުރުސަތު ދިނުމަށެވެ.

"އަޅުގަނޑަށް އެބަފެނޭ ރައީސް ޔާމިންގެ ސަރުކާރުގައި، ޕީޕީއެމްގެ މި ސަރުކާރުގައި ތަރައްގީ ކުރެވޭނެ މަންޒަރު. އެހެންވީމަ އެ ފުރުސަތުގެ ބޭނުން ހިފަން އަޅުގަނޑު ދިވެހި ރައްޔިތުނަށް ގޮވާލަން. އެއީ އަޅުގަނޑުވެސް މި ކުރި ކަމަކީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ސިޔާސީ ކޯޅުގަނޑެއްގައި ފަސް އަހަރު ވަންދެން "ތާށިވާން" އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި އެގޮތަށް ގައުމަށް ތަރައްގީ ނުގެނޭވޭނެ ކަމަށެވެ.

ޕީޕީއެމް އަށް ސޮއިކުރެއްވީ އެއްވެސް ފަރާތަކުން ޕްރެޝަރުކޮށްގެން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިޔާތުގައި ރައީސް ޔާމިން ވިދާޅުވީ ސައީދުއަކީ ޕީޕީއެމް އިން ރާއްޖެއަށް ގެނަން ބޭނުންވާ ތަރައްގީ ގެނައުމަށް "ވަރަށް މުރާލިކޮން މަސައްކަތް ކުރައްވާ ވަޒީރެއް" ކަމަށެވެ.