ޝަރުއީ ކޯޓަކަށް ވަޑައިގަތުމަށް ޗިޓް އައިސްފައި އޮތްނަމަ މިނިސްޓްރީގެ ދަތުރެއްގައި ރާއްޖެއިން ބޭރަށް ވަޑައިނުގަތުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޒީރުނަށް އަންގަވައިފި އެވެ.

ޕީޕީއެމްއަށް ބައެއް މެމްބަރުން ސޮއިކުރެއްވުމަށް މުލީއާގޭގައި މިރޭ ބޭއްވި ރަސްމިޔާތުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކޯޓުތަކަށް ވަޑައިގަތުމަށް އަންގާފައިވަނިކޮން މިނިސްޓްރީގެ މަސައްކަތެއްގައި ބޭރަށް ނުދިއުމަށް އިއްޔެ ވަޒީރުނަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ރާއްޖޭގައި ނޫޅުއްވާތީ އޭނާއަށް އެ އެންގުން އެންގިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ ވަޒީރުނަށް އަޅުގަނޑު ދެންނެވިން. އެހެން ނަމަވެސް މިވާހަކަ މިހެން އުމަރު ނަސީރަށް ދެންނެވުމުގެ ފުރުސަތެއް ނުލިބޭ. މިކަން މިހެން ދިމާވީމަވެސް އަޅުގަނޑު ދެންނެވިން ރަސްމީ ދަތުރެއް އޮތް ނަމަވެސް ދަތުރުކެންސަލް ކުރައްވާށޭ ކޯޓަށް ވަޑައިގަތުމަށް އޮތިއްޔާ. އަމިއްލަ ދަތުރުފުޅުގެ ތެރެއިންވެސް އާއިލާގެ ވަރަށް ބޮޑު މެޑިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ ކޯޓުން ހުއްދަ ހޯދައިގެން ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މި ސަރުކާރަކީ ޝަރުއީ ދާއިރާއަށް އިހުތިރާމްކުރާ ސަރުކާރަކަށް ހެދުމަށްކަމަށެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތެއް މާދަމާ ބާއްވަން ތަވާލުކޮށްފައިވާއިރު މަދަމާގެ ޝަރީއަތަށް މިނިސްޓަރު އުމަރު ހައްޔަރުކޮށްގެން ގެނެސްދިނުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އުމަރު ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރުނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ޖެހި ޖެހިގެން ދެ ޝަރީއަތަށް ހާޒިރުވެވަޑައިނުގެންނެވޭތީއެވެ.

ރައީސް މިރޭ ވިދާޅުވީ މަދަމާ އޮންނަ ޝަރީއަތަށް އުމަރު ވަޑައިގަންވާނެ ކަމަށާއި އެކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

"އުމަރު މާދަމާ ކޯޓަށް ވަޑައިގަންނަވާނެ. އުމަރު މިއަދު މާލޭގައި އެބަހުރި. އުމަރަކީ ކޯޓަށް ވަޑައިގަންނަވާނެ ބޭފުޅެއް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނެތް،" ރައީސް ވިދާޅުވި އެވެ.