16 Jun 2014, 22:52
ފީފާ ވޯލްޑް ކަޕް 2014ގެ ގްރޫޕް "ޖީ"ގެ ފުރަތަމަ މެޗުގައި ތޯމަސް މުލާ ހެދި ހެޓްރިކާ އެކު 4-0 އިން މޮޅުވެ ރޮއްވާލައިފި އެވެ.
ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު މުލާގެ ހެޓްރިކަކީ ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ފެނިގެން ދިޔަ 49 ވަނަ ހެޓްރިކެވެ.
މިރޭގެ މެޗުގައި ޖަރުމަން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޕޯޗުގަލުން ވަނީ ޖަރުމަން ކޮޅަށް ވަރުގަދަ ހަމަލާއެއް އުފައްދައިފައެވެ. އެ ހަމަލާއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލާޑޯ ޖަރުމަންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއެކެވެ. ނަމަވެސް ޖަރުމަނުގެ ކީޕަރު މެނުއެލް ނޮޔާ ވަނީ ވަރަށް ހުޝިޔާރު ކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގިއެވެ. ޖަރުމަނަށް ލިބުނު ޕެނަލްޓީ އަކީ އެޓީމުގެ މާރިއޯ ގޮޓްޒާއަށް ޕޯޗުގަލްގެ ޑިފެންޑަރު ޕެރޭރާ ކުރިފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ޖަރުމަނަށް ކާމިޔާބު ކޮށްދިނީ މުލާއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޖަރުމަނުން ލީޑް ނެގުމުން އިތުރަށް ޖަރުމަނުގެ ކުޅުން ވަރުގަދަވެގެން ދިޔައެވެ. އެގޮތުން ޖަރުމަންގެ މެސުޓް އޮޒިލްއާއި ގޮޓްޒޭ ޕޯޗުގަލްގެ ގޯލަށް ފޮނުވާލި ބާރު ހަމަލަތައް ފާހަގަ ކޮށްލެވެއެވެ.
ޖަރުމަންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މެޗުގެ 36 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭއަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އޭނާއަށް ރެފްރީ ރަތް ކާޑު ދެއްކީ ކުޅުމުން ބޭރުގައި ޖަރުމަންގެ ތޯމަސް މުލާއަށް ހަމަލާދިނުމުންނެވެ. މުލާ ވެއްޓިފައި އޮއްވައި، ޕެޕޭ ވަނީ އޭނާގެ ބޮލުން މުލާގެ ބޮލުގައި ޖަހައިފައެވެ.
ބްރެޒިލްގެ ސެލްވާޑޯގެ އެރީނާ ފޮންޓޭ ނޯވާއި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ޖަރުމަނުން ލީޑް ފުޅާކުރި ލަނޑު ފެނިގެން ދިޔައީ މެޗުގެ 31 ވަނަ މިނެޓުގަ އެވެ. އެލަނޑު ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ޑިފެންޑަރު މެޓްސް ހުމެލްސް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ތިން ވަނަ ލަނޑެވެ. އެ ތިން ލަނޑުވެސް ހުމެލްސް ކާމިޔާބުކުރީ ބޮލުން ޖަހައިގެން ކަން ވެސް ފަހަގަ ކޮށްލެވެއެވެ.
މިރޭގެ މެޗުގައި ޖަރުމަންގެ ތިން ވަނަ ލަނޑު މުލާ ކާޔާބުކުރީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އަދި އޭނާ ހެޓްރިކް ހެދި ލަނޑު ފެނިގެން ދިޔައީ މެޗުގެ 78 ވަނަ މިނެޓުގައެވެ.
މެޗް ނިމެން ދަނިކޮށް ޕޯޗުގަލްގެ ސުން ކަޑުވާލަން އެޓީމަށް ރަނަގަޅު ފުރުޞަތެއް ލިބުނެވެ. ނަމަވެސް ޕޯޗުގަލްގެ ނާނީ ފޮނުވާލި ބާރު ހަމަލާ ޖަރުމަނު ކީޕަރު ނޮޔާ ދިފާއުކުރީއެވެ.
މުބާރާތުގެ ގްރޫޕް ޖީގައި ޕޯޗުގަލް އާއި ޖަރުމަންގެ އިތުރުން ދެން ހިމެނޭ ދެޓީމަކީ އެމެރިކާ އާއި ގާނާއެވެ.
ގްރޫޕް ގައި ޖަރުމަނު ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12:00ގައި ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އަދި ޕޯޗުގަލް ގްރޫޕްގައި ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 3:00ގައި ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.