ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުރުން ޕީޕީއެމް އަށް ސޮއިކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ. އެބޭފުޅުން ޕީޕީއެމް އަށް ސޮއިކުރެއްވީ މުލީއާގޭގައި އެކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް މައުމޫނާ ފޯމް ހަވާލު ކުރައްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު މިލަންދޫ ދާއިރާގެ މެމްބަރު މުފީދު ވިދާޅުވީ އޭނާ ޕީޕީއެމް އަށް ސޮއި ކުރެއްވީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. "މި ވަގުތު އަޅުގަނޑަށް ފޯން ކޯލުންނާއި އެހެނިހެން ގޮތް ގޮތުންވެސް ދެއްވާ މެސެޖަކީ ތިޔަ ބޭފުޅާގެ ދައުރެއްގައި ތިޔަ ކުރައްވާ ޚިދުމަތުގައި ތިމަންނަމެން ބޭނުންވަނީ ރޫލިން ޕާޓީއާ ގުޅިގެން ކުރިއަށްދާށޭ. އެހެންވީމަ އެ ބޭފުޅުންގެ ވޯޓަކުން ހޮއްވަވާދެއްވީތީ އެ ބޭފުންގެ އެދުމުގެ މަތިން އަޅުގަނޑުވެސް ބޭނުންވަނީ ރޫލިން ޕާޓީއާ ގުޅެން ބޭނުންވާތީ [ ޕީޕީއެމް އަށް ސޮއި ކުރީ]،" މުފީދު ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް މައުމޫނާ ފޯމް ހަވާލު ކުރައްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިޔާތުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު މަސައްކަތްކުރައްވާނީ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޓެއްގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ. "އަޅުގަނޑަކީ ތި ދައިރާއަށް އުފަން މީހަކަށްވީ ހިނދު ތި ދާއިރާއަށް ބޭނުންވާހާ ކަންތައްތަށް މި ބޭފުޅުންގެ މަޝްވަރާއާ އެހީތެރިކަމާއިއެކު އެކަށީގެންވާ މިންވަރަށް ވުރެ މާ ބޮޑަށް ކޮށްދެވޭނެ ކަމުގެ ޔަގީކަމާއިއެކު މި ޕާޓީއާ މި ގުޅުނީ،" އަރީފް ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު ފޯމްގައި އިނގިލީގެ ނިޝާން ޖައްސަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިޔާތުގައި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވީ ޕީޕީއެމް އަށް ރައްޔިތުން މަޖިލީހުގެ ސާފް އަޣުލަބިއްޔަތު ލިބުމުން ސަރުކާރުގެ ޕްރޮގުރާމްތައް ހިންގުމަށް މިހާރަށްވުރެ ފަސޭހަ ވެގެންދާނެ ކަމަށެވެ. މިރޭ ސޮއި ކުރި ދެ މެމްބަރުންނާއެކު މިހާރު ޕީޕީއެމް ޕަލަމެންޓްރީ ގުރޫޕްގައި 40 މެމްބަރުން ތިބޭނެއެވެ. އަދި ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޕާލަމެންޓް ގުރޫޕްގައި ފަސް މެމްބަރުން އެބަ ތިއްބެވި އެވެ.