16 Jun 2014, 20:19
ފީފާ ވޯލްޑް ކަޕްގައި 100 މެޗު ހަމަކުރާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފު މިރޭ 9:00ގައި ޕޯޗުގަލްއާއި ދެކޮޅަށް ކުޅޭ މެޗުން ޖަރުމަނަށް ލިބޭނެ އެވެ.
ވޯލްޑް ކަޕްގައި ޓީމުތައް ކުޅެފައިވާ މެޗުތަކަށް ބަލާއިރު ޖަރުމަނާ އެންމެ ގާތްކުރާ އަދަދަކަށް މެޗް ކުޅެފައި ވަނީ ބްރެޒިލުންނެވެ. އެއީ 97 މެޗެވެ.
މިރޭގެ މެޗަށް ޖަރުމަނު ކުރިމަތިލާ އިރު އެޓީމުގެ ގޯލް ކީޕަރު މެނުއަލް ނޮޔާއާއި ކެޕްޓަން ޕިލިޕް ލާމް ވަނީ ދާދި ފަހުން ކުރިމަތިވި އަނިޔާގެ މައްސަލަތަކުން ސަލާމަތްވެފައެވެ.
ޖަރުމަނު ޓީމްގެ ކެޕްޓަން ލާމް އާންމުކޮށް ކުޅެނީ ވާތުފަޅިން ފަހަތަށެވެ. ބޮޑަށް ގަބޫލް ކުރެވޭ ގޮތުން މިރޭ ލާމް އަށް ހަވާލުކުރާނީ ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލެވެ. މިއީ އޭނާ ކުޅޭ ކުލަބް ބަޔާން މިއުނިކްގައި ވެސް ކުޅެމުން އަންނަ މަގާމެވެ.
ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ސިފަކުރާ ގޮތުން އޭނާގެ ޓީމާ ދެކޮޅަށް ނުކުންނަ ޕޯޗުގަލްގެ ޓީމަކީ "ކައުންޓަ އެޓޭކްގައި ދުނިޔޭގެ ޗެމްޕިއަނުން،" ނެވެ. މިމެޗާ ކުރިމަތިލާއިރު ޖަރުމަނުގެ ކޯޗަށް އޮތް ޕްރެޝަރު ވަކިން ބޮޑުކަން ފާހަގަކޮށްލެވެ އެވެ. މުބާރާތާ ކުރިމަތިލީއިރު ޓީމުގައި ތިބި މުހިންމު ކުޅުންތެރިން ތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވޭކަން ފާހަގަކޮށްލެވެ އެވެ.
މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވީއިރު ވެސް ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ އަނިޔާގައެވެ. އެހެން ނަމަވެސް ޖަރުމަނާ ދެކޮޅަށް ޕޯޗްގަލް މިރޭ ނުކުންނަ އިރު އެޓީމުގެ ކެޕްޓަން ވަނީ އަނިޔާއިން ސަލާމަތްވެ ފުރިހަމައަށް މެޗަށް ތައްޔާރު ވެފައެވެ.
ބައިނަލްއަގުވާމި މުބާރާތަކުން ފާއިތުވި 18 އަހަރުގެ ތެރޭގައި ތަށްޓެއް ހޯދިފައި ނުވުމުން ވެސް ޖަރުމަނަށް ކުރިމަތިލާން ޖެހޭ ޕްރެޝަރު ވަކި ކުޑައެއް ނޫނެވެ.
މި ދެ ޓީމުގެ ކުރިމަތިލުން ތަކަށް ބަލާއިރު 17 ފަހަރު ޖަރުމަނާ ވާދަކޮށް ޕޯޗުގަލް މޮޅުވެފައި ވަނީ އެންމެ ތިން ފަހަރު އެވެ. ފަސް މެޗުން އެއްވަރު ވި އިރު ޖަރުމަނު ވަނީ ނުވަ ފަހަރު ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިފައެވެ.
ބައިނަލްއަގްވާމީ މުބާރާތް ތަކުގައި މިދެޓީމުގެ ފަހުގެ ކުރިމަތިލުންތަކަށް ބަލާއިރު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް، 2008 ވަނަ އަހަރުގެ ޔޫރޯ، އަދި 2012 ވަނަ އަހަރުގެ ޔޫރޯގައި ޖަރުމަނު ވަނީ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިފައެވެ.
ވޯލްޑް ކަޕް މެޗުތަކުގައި ޖަރުމަނުގެ މޮޅުވުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 1990 ވަނަ އަހަރުން ފެށިގެން ޖަރުމަނުން އަންނަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓަމުންނެވެ. އެގޮތުން 1990 ގައި ޔޫގޮސްލާވިޔާ އަތުން 4-1 އިން މޮޅުވެ 2002 ވަނަ އަހަރު ސައުދީއަރަބިއްޔާ އަތުން 8-0 އިން މޮޅުވެ 2006 ވަނަ އަހަރު 4-0 އިން ކޯސްޓަރިކާ އަތުން މޮޅުވެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެޓީމު ވަނީ، އޮސްޓްރޭލިޔާ އަތުން 4-0 މޮޅުވެފައެވެ.
އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ޖަރުމަނު ކުޅުނު 18 މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ވޯލްޑް ކަޕްގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން އެޓީމު އެންމެ ފަހުން އެއްވަރުވެފައި ވަނީ 1986 އުރުގުއާއި އެކު ކުޅުނު މެޗުންނެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކޮލިފައިންގައި ޖަރުމަނުން ވަނީ 36 ގޯލް ކާމިޔާބު ކޮށްފައެވެ.
ޕޯޗްގަލް ޓީމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިފަހަރު އެޓީމު ވާދަކުރާ ގްރޫޕް "ޖީ"ގައި ހިމެނޭ އެމެރިކާ އަތުން 2002 ވަނަ އަހަރާއި 2006 ވަނަ އަހަރު ޕޯޗުގަލް ވަނީ ބަލިވެފައެވެ.
ރޮނާލްޑޯގެ ގޯލެއް މިމެޗުން ފެނިގެން ގޮސްފިނަމަ އެ ވެގެންދާނީ މިހާރު އެމެރިކާގެ ކޯޗު ކަމުގައި ހުރި ޖަރުމަނުގެ ކްލިންސްމަނަށް ފަހު ބައިނަލްއަގުވާމީ ބޮޑު 6 މުބާރާތެއްގަ ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެންދާނެއެވެ. ރޯނާލްޑޯ ވަނީ ޔޫރޯ 2004، 2008 އަދި 2012ގައިވެސް ލަނޑު ޖަހައިފައެވެ. އަދި ހަމަ އެހެންމެ 2006 އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ މަދުވެގެން އެއް ގޯލް ޖަހައިފައެވެ.