އިސްލާމްއާބާދު: ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގެ ގަވަރނަރ ސުލައިމާން ތަސްޔީރު އިއްޔެ އަވަހާރަކޮށްލުމާގުޅިގެން ޕާކިސްތާނުގެ ސިޔާސީ މަސަރަޙް ހޫނުވަމުންދާ ކަމަށް ހުޅަނގުގައި ޝާއިޢު ކުރެވުނު މީޑިޔާ ރިޕޯޓްތަކެއް ބުނެފިެވެ. ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫހުގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އުމުރުން 56 އަހަރުގެ ތަސްޔީރު އަވަހާރަ ކޮށްލުމަކީ ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ދީނީ އަދި މަޒްހަބީ އަރާރުންތައް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. ލަންޑަންގައި ނުކުންނަ ދަޤާޑިޔަން ނޫސް ބުނިގޮތުގައި ޕަންޖާބަކީ ޕާކިސްތާނުގައި ސިޔާސީ އަދި ދީނީ ހަމަޖެހުން އެންމެ ރަނގަޅަށް އޮތް ޕްރޮވިންސެކެވެ. މިޕްރޮވިންސްގެ ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ގަވަރނަރ ސުލައިމާން ތަސްޔީރު އަވަހާރަ ކޮށްލުމަކީ ބަދަލު ހިފުމުގެ ރޫޙު އުފެދުމުގެ ފުރްސަތު ވަރަށް ބޮޑަށް އިތުރު ވެގެންދާނެ ކަމެކެވެ. އެމެރިކާގެ ނޫސްތަކުގައި ވަނީ ތަސްޔީރަށް ހަމްދަރްދީ ފާޅުކުރާ ރިޕޯޓްތައް ޝާއިޢުކޮށްފައެވެ.


ތަސްޔީރު އަވަހާރަކޮށްލި ޤާތިލަކީ އޭނާގެ ބޮޑީގާޑުންގެ ތެެރޭގައި ހިމެނޭ މީހެކެވެ. މުމްތާޒް ޤާދިރީ ނަކަމަށް ކިޔާ މި ބޮޑީ ގާޑް ނަޒަރުގައި ތަސްޔީރު އަވަހާރަ ކޮށްލުމަކީ އޭނާ ފަޚްރުވެރިވާ ޢަމަލެކެވެ. އެއީ ކުށެއްނޫނެވެ. ދީނުގެ ދިފާޢުގައި ކުރިކަމެކެވެ. ތަސްޔީރު އަވަހާރަކޮށްލީ އިސްލާމް އާބާދުގައި ހުންނަ އޭނާގެ ގެއާގާތުގައިވާ ކޮހްސާރު މާރުކޭޓުގެ ކައިރިއަށް ކާރު މަޑުކުރެއްވުމަށްފަހު ކާރުން ފާބައިވަޑައިގެން ބޮޑީ ގާޑުންނާއެކު ހިންގަވަމުން ވަޑައިގަންނަވަނިކޮށް މުމްތާޒް ޤާދިރީ ދިން ޙަމަލާއެއްގައެވެ. ކޮހްސާރު މާރުކޭޓަކީ ޕާކިސްތާނުގެ މުއްސަނދިންނާއި ބޭރު މީހުން ވިޔަފާރިކުރާ މަތީފެންވަރުގެ މާރުކޭޓެކެވެ. ޕާކިސްތާނުގައި ވެރިކަންކުރާ ޕީޕަލްސް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ތަސްޔީރަކީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްގޮވާލާ ޤާނޫނަށް ބަދަލުގެނައުމަށް ފާޅުގައި ގޮވާލައްވާ ބޭފުޅެކެވެ. އޭނާވަނީ ކީރިތި ރަސޫލާއަށް ޖޯކުޖަހައި މަލާމާތްކުރުމުގެ ކުށް ސާބިތުވެގެން މަރަން ޙުކުމް ކޮށްފައިވާ ޕާކިސްތާނުގެ ނަސާރާއަކު މިނިވަން ކުރުމަށް ފާޅުގައި ގޮވާލައްވާފައެވެ. މިކަމުގެ ސަބަބުން ތަސްޔީރުގެ މަޤްބޫލުކަން އޭނާއަށް ތާއީދުކުރާ މީހުންގެ މެދުގައިވެސް ދަށަށްގޮސްފައިވެއެވެ. ތަސްޔީރު އަވަހާރަކޮށްލީ މި ޤާނޫނަށް ބަދަލުގެނައުމަށް ފާޅުގައި އޭނާ ގޮވާލައްވަމުން ގެންދަވާތީ ކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަޙްމާން މާލިކް ވިދާޅުވިއެވެ. ތަސްޔީރު އަވަހާރަވީ އޭނާގެ ބޮޑީ ގާޑް ދިން ޙަމަލާއަށްފަހު ކައިރީގައިވާ ހޮސްޕިޓަލަކަށް އޭނާ ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ.