16 Jun 2014, 19:44
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާރުގެ ގްރޫޕް ޖީ ގައި މިރޭ ގާނާއާ ދެކޮޅަށް ނުކުންނާނީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން ކަމަށް އެމެރިކާ ޓީމުގެ ކޯޗް ޔާގެން ކްލިންސްމަން ބުނެފިއެވެ.
ގާނާއާ ދެކޮޅަށް އެމެރިކާ ކުޅޭ މެޗް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 3:00ގައި ބްރެޒިލްގެ އެސްޓާޑިއޯ ޑަސް ޑުނާސް ސްޓޭޑިއަމްގައެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާ ކޯޗް ކްލިންސްމަން ބުނީ، ޓީމާ މެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށާއި މެޗުން މޮޅުވުމަށްޓަކައި ހުރިހާ ކުޅުންތެރިން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިރޭ ކުރާނެ ކަމަށެވެ. އަދި މެޗަށް ނުކުންނައިރު މުޅި އެމެރިކާ ވެސް އޮތީ ހިތް ވަރު ދިނުމުގައި ސާބިތުވެ ކަމަށާއި އެހެންކަމުން މިރޭގެ މެޗަކީ ފައިނަލް މެޗެއް ކަމަށް ކޯޗް ކްލިންސްމަން ބުންޏެވެ.
"ޓީމާ މެދު ކުރެވޭ އުއްމީދުތައް ވަރަށް ބޮޑު. އަހަރުމެން ގާނާއާ ދެކޮލަށް ނުކުންނާނީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން. އަހަރުމެން މިރޭ ކުޅޭނީ ލަނޑުޖަހައިގެން މޮޅުވުމަށް. ގާނާ އަކީ ވެސް ބަލި ޓީމެއް ނޫން،" އެމެރިކާ ކޯޗް ކްލިންސްމަން ބުންޏެވެ.
ކޯޗް ކްލިންސްމަން ބުނީ، ފާއިތުވި ދެ ވޯލްޑް ކަޕްގައި ގާނާ އަތުން ބަލިވި ބަލިވުން، ހަދާން ނައްތާލަން ޖެހޭ ކަމަށާއި އެކަން ކުރުމަށް މިރޭގެ މެޗަކީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށެވެ.
ގްރޫޕް ޖީ ގައި ގާނާ އާއި އެމެރިކާގެ އިތުރުން ދެން ހިމެނޭ އަނެއް ދެޓީމަކީ ޕޯޗުގަލް އާއި ޖަރުމަނެވެ. އެގޮތުން ޖަރުމަނާއި ޕޯޗުގަލް ބައްދަލުކުރާ މެޗް މިރޭ ރާއްޖެ ގަޑިން 9:00ގައި ބްރެޒިލްގެ އެރީނާ ފޮންޓެ ނޯވޭ ސްޓޭޑިއަމްގައި ކުޅޭނެއެވެ.