ހދ. ކުޅުދުއްފުށީގައި ޒުވާނަކު ދަންޖެހެން އުޅެނިކޮށް އެމީހާގެ ކޮށްކޮ އޭނާ ސަލާމަތްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހެން މަސައްކަތް ކޮށްފައިވާނީ، ކުޅުދުއްފުށީ ދިޔަވަރު، މުހައްމަދު އަބުދުލްހާދީ، 22، އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން "ސަން" އަށް ވިދާޅުވީ، ދަންޖެހެން އުޅުނު ޒުވާނަކު މެންދުރު 12:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނޭވާ ލާ ކަމަށާއި އަދި ކަރުގައި ދަންޖެހެން އުޅުނު ކަމުގެ ނިޝާނެއް ފެންނަން ހުރި ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވިއެވެ.

ދަންޖެހެން އުޅުނު މީހާ އަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކުޅުދުއްފުށީގައި މީހަކު ދަންޖެހެން އުޅުނު ކަމުގެ މައުލޫމާތެއް ކުޅުދުއްފުށީ ރީޖަނަލް ހޮޮސްޕިޓަލުން ފުލުހުންނަށް މިއަދު މެންުދުރު ހުށަހަޅާފައިވާ ކަމަށެވެ.