16 Jun 2014, 19:01
ރާއްޖޭގައި ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ ލީގު ކަމުގައިވާ "ދިރާގު ދިވެހި ލީގު"ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) 7-0 އިން ބަލިކޮށް، މިދިޔަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނުު މެޗުގައި ނިއުއަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ގޯލް ކާމިޔާބު ކޮށްދިން ސްޕެއިންގެ ފޯވާޑް ޑޭވިޑް އާއި ދެ ގޯލް ކާމިޔާބު ކޮށްދިން މުހައްމަދު އުމެއިރު އާއި އަލީ ފާސިރު (ސެންޓޭ) އާއި އޮސްޓްރޭލިއާގެ ޑިފެންޑަރު ޑޭން މިލޮވަނޮވިޗް އަދި އަހްމަދު އަބްދުﷲ (ލިލީ) އެވެ.
ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުއަށް މިއަދުގެ މެޗުގައި ދެ ގޯލް ކާމިޔާބު ކޮށްދިން ސްޕެއިންގެ ފޯވާޑް ޑޭވިޑެވެ.
މިއަދުގެ މެޗަށް ފަހު، ނިއުގެ ކޯޗް އިސްމާއިލް އަނިލް ބުނީ، ޓީމް ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މިލިބުނު ކާމިޔާބީއަކީ ކުރިއަށް ދިއުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ވެސް ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނުނު ކަމަށާއި މެޗުގައި ހެދުނު ކުދިކުދި މިސްޓޭކްތައް ކުރިއަށް ހުރި މެޗްތަކުގައި ރަނގަޅު ކުރާނެ ކަމަށް ވެސް އަނިލް ބުންޏެވެ.
މިއަދުގެ މެޗުން ބަލިވި އޭވައިއެލްގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނީ، މެޗަށް ނިކުތީ ވެސް ނިއުއަކީ މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ތަފާތު މޮޅު ޓީމެއްކަން ދަނެގެން ކަމަށާއި މެޗުގައި ޓީމުގެ ކުޅުންތެރީންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއަދުގެ މެޗުން ބަލިވި ނަމަވެސް ކުރިއަށް ހުރި މެޗްތަކުގައި ނަތީޖާ ރަނގަޅު ކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ނާދު ބުންޏެވެ.
ދިވެހި ލީގުގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު 4:00 ގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރުމަށް މިފަހަރު ނިކުތް މަހިބަދޫ ސްޕޯޓްސް ކްލަބެވެ. އެ މެޗް ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.