އެއްކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ހުއްދަ ހޯދާގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ "ފަނޑިޔާރުންގެ ގާބިލްކަން އިތުރުކުރުމަށް އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ އުސޫލު"ގައެވެ.

އެ އުސޫލުގައި ބުނެފައިވާގޮތުން ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމަށް ހުށަހަޅަންވާނީ ތިން ކަމަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

ފަނޑިޔާރުން ބަދަލުކުރުމުގައި އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރަށާއި، އެހެނިހެން މަސައްކަތުގައި އެ ފަނޑިޔާރު ހާސިލްކޮށްފައިވާ ނަތީޖާއަށް ބަލައި އެ ބަދަލެއްގެ ސަބަބުން ޝަރުއީ ދާއިރާގެ މަސައްކަތަށް ލިބޭ ކުރިއެރުމަށް ބަލަންވާނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

ބަދަލުކުރެވޭ ފަނޑިޔާރުގެ ހުނަރާއި ގާބިލްކަމަށް ބަލާއިރު، އެ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުކޮށްފިނަމަ އަދާލަތު ލިއްބައިދިނުމުގައި ހަލުވިކަން އިތުރުވާނެތޯ ވެސް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރަން ހުށަހަޅާއިރު ބަލަންޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ފަނޑިޔާރު އެހެންކޯޓަކަށް ބަދަލުކުރުމުން ޝަރުއީ ދާއިރާ އަށާއި އެ ފަނޑިޔާރުގެ ޕާފޯމަންސަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެ ފަނޑިޔާރަށް ލިބޭ އައު ހުނަރާއި ގާބިލްކަމާއި ތަޖުރިބާ ނުވަތަ ކުރިއެރުމަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން ފަނޑިޔާރުން ބަދަލުކުރުމަށްޓަކައި ކޮމިޝަނަށް ލަފާދިނުމަށް ހަތް މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމެޓީއެއް އެކުލަވާލަން ޖެހެއެވެ.

އެ ކޮމެޓީން ގޮތެއް ނިންމައި ކޮމިޝަނަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި ކޮމިޝަންގެ ޖަލްސާއެއް ބާއްވައި އެކަމާ މެދު ގޮތެއް ނިންމަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ފަނޑިޔާރަކު އެހެންކޯޓަކަށް ބަދަލުކުރަން ފެންނަ ކަމަށް ނިންމައިފިނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.