ބަޣްދާދު (ޖޫން 16) : އިރާގުގައި ހަރަކާތްތެރިވާ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ އަތްދަށަށް ގޮސްފައިވާ ޢިރާގުގެ އުތުރުގެ ރަށްތަކުގައި އެޖަމާއަތުގެ ހަނގުރާމަވެރިން ބޮޑެތި ގަތްލުއާންމުތަކެއް ހިންގާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް އެޖަމާއަތުން އިންޓަނެޓްގައި ޝާއިއުކޮށްފި އެވެ.

"ދާޢިޝް"ގެ ޓްވިޓާ އެކައުންޓްގައި ޝާއިޢުކޮށްފައިވާ އެފޮޓޯތަކުން ފެންނަނީ "ދާޢިޝް"ގެ ހަނގުރާމަވެރިންގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރުވެފައިވާ އިރާގު ސިފައިން ސަފުސަފަށް ބޭތިއްބުމަށް ފަހު އެމީހުންގެ ބޮލަށް ބަޑިޖަހައި މަރަމުން ގެންދާ މަންޒަރުތައް ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ. "ދާޢިޝް"ގެ ޓްވިޓާ އެކައުންޓްގައި ޝާއިޢުކޮށްފައިވާ މިފޮޓޯތަކުން ފެންނަ ގަތްލުއާންމު ތަކަކީ އިރާގުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގާ އެޖަމާއަތުގެ އަތްދަށުގައި ހައްޔަރުވި އިރާގު ސިފައިން މެރުމަށް އެޖަމާއަތުގެ ހަނގުރާމަވެރިން ހިންގާފައިވާ ހަގީގީ ގަތްލުއާންމު ތަކުގެ މަންޒަރުތައް ކަމަށާ މިއީ "ދާޢިޝް" ގެ ހަނގުރާމަވެރިންގެ ހަގީގީ ސުލޫކު ކަމަށް އިރާގު ސިފައިންގެ ތަރްޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.
އިރާގު ސިފައިންގެ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް ގާސިމް އަތާ މޫސަވީ ވިދާޅުވިގޮތުގައި "ދާޢިޝް" ގެ ހަނގުރާމަވެރިން މި ގަތްލުއާންމުތައް ހިންގާފައިވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އުތުރުގެ ސަލާހުއްދީން ގަވަނޭޓްގައެވެ. މީގެކުރިންވެސް "ދާޢިޝް" ގެ ހަނގުރާމަވެރިންގެ އަތްދަށުވި އިރާގު ސިފައިންގެ ބޮލަށް ބަޑިޖަހައި އެމީހުން މަރާފައިވާ ކަމަށާ "ދާޢިޝް" ގެ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުން ކަމަށްވެސްމޫސަވީ ތުހުމަތު ކުރެއްވިއެވެ.
"ދާޢިޝް" ގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިންނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގާ އިރާގުގެ އެތަށް ސަތޭކަ ސިފައިންނެއް ވީނުވީ ނޭންގި ގެއްލިފައިވާ ކަމަށާ "ދާޢިޝް" ގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރުވެފައިވާ އިރާގު ސިފައިންގެ އެންމެ މީހެއްގެވެސް ފުރާނަ ސަލާމަތް ނުވުމަކީއެކަށީގެންވާ ކަމެއްކަމަށް މޫސަވީ ވިދާޅުވިއެވެ.
އިރާގު ސަރުކާރުން މިހެން ބުނިނަމަވެސް "ދާޢިޝް" ގެ ޓްވިޓަރ އެކައުންޓްގައި ޝާއިޢުކޮށްފައިވާ ގަތްލު އާންމުތަކުގެ ފޮޓޯތަކުގެ ސައްހަކަން ނުވަތަ ނޫންކަން ކަށަވަރު ވެފައެއްނުވެއެވެ. "ދާޢިޝް" ގެ ޓްވިޓަރ އެކައުންޓްގައި ބުނެފައިވަނީ އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އިރާގު ސިފައިންގެ ތެރެއިން 1700 މީހުންނަށް މިހާތަނަށް މަރުގެ އަދަބު ދެވިއްޖެ ކަމަށާ ބާކީތިބި އިރާގު ސިފައިންގެ އަސީރުންނަށްވެސް މަރުގެ އަދަބު ދޭނެ ކަމުގައެވެ. ނަމަވެސް މިއީ "ދާޢިޝް" ގެ ހަގީގީ ބަސްކަން ނުވަތަ ނޫންކަން ސާފުނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ދާޢިޝް" ގެ މިއަމަލުތަކަކީ ހަގީގަތެއްނަމަ މިކަމުގެ ސަބަބުން ފަނާކުރަނިވި ބޮޑު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް އިރާގު ވެއްޓި "ދާޢިޝް" އަށް މިހާރު ތާއީދުކުރާ އިރާގުގެ ސުންނީ ގަބީލާތަކުގެ ތާއީދު އެޖަމާއަތަށް ގެއްލި ގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. އިރާގުގެ ސުންނީ ގަބީލާތަކުގެ ތާއީދު "ދާޢިޝް" އަށް ގެއްލިއްޖެނަމަ އިރާގުގެ ސަރުކާރު ސިފައިންނަށް އަލުން ހިއްވަރުލިބި އިރާގު ސިފައިންގެ ކުރިމަތީގައި އެޖަމާއަތް ބަލިކަށިވުމުގެ ފުރްސަތު ބޮޑުވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (އަލްޖަޒީރާ)