16 Jun 2014, 17:59
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބައްދަލުވުންތައް އަތޮޅު ތެރޭގައި ވެސް ބާއްވަން ފަށައިފި އެވެ.
އެލްޖީއޭ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލެއިން ބޭރުގައި ބޭއްވި އެންމެ ފުރަތަމަ ބޯޑު ބައްދަލުވުން ބާއްވާފައި ވަނީ ހއ. ދިއްދޫގައި ކަމަށާއި މަގްސަދަކީ ވީ އެންމެ ގާތުން ކައުންސިލްތަކުގެ މަސައްކަތް ބެލުން ކަމަށެވެ.
"ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވުމުން ކައުންސިލްތައް ހިނގާނުހިނގާ ގޮތް ދުވަހުން ދުވަހަށް ބަލައި ދިމާވާ ދަތިތަކާ ހައްލު ކުރަންޖެހޭ ކަންތައްތައް ހައްލު ކުރުމަށް ދޭންވާ އެންމެ ރަނގަޅު ލަފަ އާއި އިރުޝާދު ވަގުތުން ދިނުމަކީ ބައެއް ފަހަރު ފަސޭހަ ކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.
އެލްޖީއޭ އިން ބުނެފައި ވަނީ އަތޮޅު ތެރޭގައި ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުން ގިނަ ފައިދާތަކެއް ވާނެ ކަމަށާއި އެގޮތުން ތަރައްގީގެ ކަންކަމުގައި ރައްޔިތުންނާ ބައްދަލުވުމާއި އަންހެނުންގެ ޖަމިއްޔާ ފަދަ ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަދި މި ބައްދަލުވުމުގެ ސަބަބުން ކުރިމަގުގައި ކައުންސިލްތަކުގެ ދުވެލި ހަލުއި ކުރުމަށް ބާރު ލިބި ރަށްރަށުގެ ތަރައްގީ އަށް ކުރަމުންދާ މަސައްކަތްތައް އަވަސް ކުރެވި ބުރަކިޖެހިފައިވާ ކަންތައްތަކަށް ރަނގަޅު ހައްލެއް ފެނިގެންދާނެ،" އެލްޖީއޭގެ ބަޔާނުގައިވެ އެވެ.
އެލްޖީއޭގައި ހިމެނޭ ގިނަ މެންބަރުންނަކީ ކައުންސިލްތަކުގެ މެންބަރުން ކަމަށްވުމުން ބޯޑު ބައްދަލުވުންތަކަށް މާލެ އައުމަށް ކުރަން ޖެހޭ ދަތުރުތައް އެހެން ރަށަކަށް ބަދަލު ކުރި ނަމަވެސް "ތަފާތު ބޮޑު މާލީ ގެއްލުންތަކެއް" ނުލިބޭނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މާލެ ފިޔަވައި އެހެން ރަށްރަށުގައި ބޯޑު ބައްދަލުވުން ބޭއްވުމަށް ނިންމުމަށް ފަހު ދިއްދޫގައި ބޭއްވި ބައްދަލުވުމުގައި އެލްޖީއޭ އިން ވަނީ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ހދ. އަތޮޅު ކައުންސިލާއި އެ އަތޮޅު ހަނީމާދޫ އާއި ކުޅުދުއްފުށި ކައުންސިލުގެ ހއ. އުތީމުގެ ކައުންސިލާ ބައްދަލުކޮށްފަ އެވެ.