16 Jun 2014, 18:02
ހުޅަނގު މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރަމުންދާތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސް ކޮށްފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށާއި އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ޓަކައި ހުރިހާ ރަށެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަޅަމުން ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ގޮނޑުދޮށްތަކުގައި ނުތިބުމާއި އުދައިގެ އަސަރުކުރާ ސަރަހައްދުތަކުގައި ހުންނަ މީހުން ދިރިއުޅޭ ގޭގޭގައި ވެލި ބަސްތާ ފަދަ ތަކެތި ޖަހައި ފެންނުވަންނާނޭހެން ބަންދުކުރަން އެ ސެންޓަރުން އިލްތިމާސްކުރެ އެވެ. އަދި ގޭގެއަށް ލޮނުވަދެދާނެ ކަމަށް ސަމާލުކަންދީ ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ލިބުމުގެ ކުރިން އިލެކްޓްރޯނިކް ސާމާނުތަކާއި އެހެނިހެން ތަކެތި އުސްތަނަކަށް ލާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރެ އެވެ.
އޭގެ އިތުރުން ކުނިކޮށިތަށް ފަދަ ތަންތަނަށް އުދައިގެ އަސަރުކޮށް އުފެދިދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް ކުނިކޮށޮތަށް ފަދަ ތަންތަން ދުވަހުން ދުވަހަށް ސާފުކޮށް، މޫސުމާ ގުޅޭ ގޮތުން ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެއްވާ މައުލޫމާތުތަކަށް ރައްޔިތުން ސަމާލުވުމަށް ވެސް އެ ސެންޓަރުން އިލްތިމާސްކުރެ އެވެ.
އުދައެރުމާމެދު ސަމާލުވުމަށް އިލްތިމާސްކޮށްފައިވާ އިރު މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުން ފެށޭ ދުވަސްވަރަކީ އުދައިގެ އަސަރު ރާއްޖެ އަށް ކުރަމުންދާ ދުވަސްވަރެއް ކަމަށާއި މި މަހުގެ އެންމެ ދިޔަވަރު ބޮޑުވާ ދުވަސްތައް ވެސް ދިމާވަނީ މިދުވަސްތަކާ ކަމުން، އުދައިގެ އަސަރު ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ ގިނަ ރަށްތަކަށް ކުރުން އެކަށީގެންވާ ކަމަށެވެ.