16 Jun 2014, 17:51
މި އަހަރުގެ ދިވެހި ލީގުގެ މެއިން ސްޕޮންސަރު ދިރާގާ އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަން ނައިބު ރައީސް އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ. އަދި ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް މުހައްމަދު މިރުޝާނެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެފްއޭއެމްގެ ފަރާތުން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، ސްޕޮންސާޝިޕް އެއްބަސްވުމުގައި ދިރާގާ އެކު އެފްއޭއެމް ސޮއިކުރީ އެ އެސޯސިއޭޝަނަށާއި ކްލަބުތައް އަދި ކުންފުނިތަކަށް ފައިދާވާނެ ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ދިރާގުން މުބާރާތަށްޓަކައި ހުށަހެޅީ 750،000 ރުފިޔާގެ ބިޑެއް ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބިޑިންގް ޕްރޮސެސް ކުރިއަށް ގެންގޮސް ކޮމާޝަލް އަދި އެންމެ ވެލިއު ރަނގަޅު ކުންފުންޏާ އެކު ސްޕޮންސާޝިޕް ޑީލުގައި މި ސޮއިކުރީ. މީގެ ކުރީގައި ވެސް ދިރާގުން ފުޓްބޯޅަ ކުރިއެރުވުމަށް އަޅުގަނޑުމެންނަށް ދެމުން އަންނަ އެއްބާރުލުމަށް އެ ފަރާތަށް ޝުކުރު ދަންނަވަން. މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ހަމަ އެހެން ވެސް އަހަރުތަކެކޭ އެއްފަދައިން މި މުބާރާތުގައި ބައިވެރިވާ ކްލަބުތަކަށް ރަނގަޅު ފައިސާގެ އިނާމަކާ އެކު ކުރިއަށް ގެންދެވޭނެ." އޭނާ ވިދާޅުވި އެވެ.
ގިނަ އަހަރުތަކެއް ވަންދެން ކެނޑިނޭޅި ދިވެހި ލީގު ސްޕޮންސާ ކުރަމުން އަންނަ ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން އެފްއޭއެމް އަށް ދިރާގުގެ ފަރާތުން މިރުޝާން ވަނީ ޝުކުރު ދަންނަވައިފަ އެވެ.
މިފަހަރުގެ ދިވެހި ލީގު ހުޅުވާ މެޗުގައި ވާދަކުރާނީ، މިދިޔަ ސީޒަންގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.
މިި އަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރާ އިރު ނިއު އާއި އޭވައިއެލްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.