ސްރީލަންކާގައި މިހާރު ކުރިއަށްދާ ބަޑިޖެހުމުގެ މުބާރާތެއްގައި، ރާއްޖެއިން މީގެ ކުރީން ހަދާފައިވާ ގައުމީ ރިކޯޑް މުގުރާލައިފި އެވެ.

ސްރީލަންކާގެ އާމީ އަދި އެއާފޯސްގެ އިތުރުން ކްލަބްތަކަށް ހުޅުވާލައިގެން ސްރީލަންކާގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ "ނޭވީ އޯޕަން މީޓް ޗެމްޕިއަންޝިޕް" ގައި 50 މީޓަރު ރައިފަލް ޝޫޓިން އިން އިބްރާހީމް ސިމާދު ބަޑިޖެހުމުން ގައުމީ ރިކޯޑް މުގުރާލާފައިވަނީ 602.2 ޕޮއިންޓާ އެކުގައެވެ.

ބަޑިޖެހުމުން ގައުމީ ރިކޯޑު ކުރިން އޮތީ އަހުމަދު މުމްތާޒް އަތުގަ އެވެ. އެއީ އިންޑިއާގައި 2010 ވަނަ އަހަރު ބޭއްވި ކޮމަންވެލްތް ގޭމްސްގައި ބަޑިޖެހުމުން އޭނާ ހޯދި 590 ޕޮއިންޓާ އެކުއެވެ.

މުމްތާޒް ވަނީ މިހާރު ލަންކާގައި ކުރިއަށްދާ މުބާރާތުގެ 50 މީޓަރު ރައިފަލް ބަޑިޖެހުމުގައި ބައިވެރިވެ، 600.8 ޕޮއިންޓާ އެކު އޭނާގެ އަމިއްލަ ރިކޯޑް އާ ކޮށްފަ އެވެ. އޭނާގެ އިތުރުން، އެ ކެޓަގަރީގައި ބައިވެރިވި ހަސަން އަބްދުލް ގަފޫރުވެސް ވަނީ 593.3 ޕޮއިންޓް ހޯދައިގެން ކުރިން އޮތް ގައުމީ ރިކޯޑަށް ވުރެ މަތިން ޕޮއިންޓް ހޯދާފަ އެވެ.

މުބާރާތުގެ 50 މީޓަރު ރައިފަލް ބަޑިޖެހުމުގެ ބައިން ރާއްޖޭގެ ތިން ބަޑިޖެހުންތެރިން ވެސް ވަނީ ގަދަ 10 ގައި ހިމެނިފައެވެ.

މީގެ އިތުރުން، އެ މުބާރާތުގެ ވިމެންސް 25 މީޓަރު ޕިސްޓަލް ފަޔަރިން އިން ރިއުޝާ މުހައްމަދު ވަނީ ތިން ވަނަ ހާސިލްކޮށްފަ އެވެ. އަދި އެ ކެޓަގަރީން ބައިވެރިވި ދެ ވަނަ ޝޫޓަރު އައިމިނަތު އަދީލާ ވަނީ އެކެޓަގަރީން ވާދަކުރި 25 ބައިވެރިންގެ ތެރެއިން ގަދަ ފަހެއްގައި ހިމެނިފަ އެވެ.

މި ފަސް ބަޑިޖެހުންތެރިންނަކީ ވެސް އަންނަ މަހު ފަހުކޮޅު ސްކޮޓްލޭންޑުގެ ގްލާސްގޯ ގައި ބާއްވާ ކޮމަންވެލްތް ގޭމްސް އަށާއި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮރެއާގެ އިންޗޮންގައި ބާއްވާ އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ދިން ސްކޮލާޝިޕެއްގެ ދަށުން ލަންކާގައި ތަމްރީން ހާސިލްކުރަމުން އަންނަ ޝޫޓަރުންނެވެ.