16 Jun 2014, 15:29
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ޕޯޗުގަލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އެ ޓީމުގެ ފޯވާޑުންނަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޖަރުމަން ޓީމުގެ ކޯޗު ޖޯކިމް ލޯ ބުނެފި އެވެ.
ރާއްޖޭ ގަޑިން މިރޭ 9:00 ގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޖަރުމަން ކޯޗް ލޯ ބުނީ، ޕޯޗުގަލް ޓީމަކީ ގްރޫޕްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ ނުރައްކާ އެއް ޓީމް ކަމަށާއި އެހެން ކަމުން މިރޭގެ މެޗުގައި ޕޯޗުގަލްގެ ފޯވާޑުން ހިފެހެއްޓުމަށް ޖަރުމަންގެ ޓީމުން ފުރިހަމައަށް ތައްޔާރު ވާނެ ކަމަށެވެ.
"ޖަރުމަނު ޓީމް އޮތީ ޕޯޗުގަލްއާ ދެކޮޅަށް ނުކުތުމަށް ތައްޔާރަށް. ޓީމުގެ ޒުވާން ކުޅުންތެރިންނާ މެދު އުންމީދު އެބޮތް. ހުރިހާ ކުޅުންތެރިންގެ ވެސް ޓާގެޓަކީ މެޗް ކާމިޔާބު ކުރުން." ކޯޗް ލޯ ބުންޏެވެ.
ކޯޗް ލޯ ބުނީ، މެޗުގައި އެންމެ މުހިންމު އެއް ކަމަކީ ޓީމުގެ ކުޅުން އެއް ފެންވަރެއްގައި ހިފެހެއްޓުން ކަމަށާއި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑް ނެގުން ކަމަށެވެ.
އެންމެ ފަހުން ބޭއްވި ބޮޑު ހަތަރު މުބާރާތުގެ ސެމީއާ ހަމައަށް ޖަރުމަން ދަތުރުކޮށްފައިވާ އިރު، މިރޭގެ މެޗުން މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅު ކުރުމަކީ ވެސް ޖަރުމަނަށް ވަރަށް މުހިންމު ކަމެއް ކަމަށް ކޯޗް ލޯ ބުންޏެވެ.
ޖަރުމަނާ އެކު ގްރޫޕް ޖީގައި ދެން ހިމެނޭ ޓީމް ތަކަކީ ގާނާ އާއި އެމެރިކާއާ އަދި ޕޯޗުގަލް އެވެ. ޖަރުމަން އެންމެ ފަހުން ވޯލްޑް ކަޕް ގެ ތަށި ހޯދާފައި ވަނީ 1990 ވަނަ އަހަރު އެވެ.