ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފައެވެ. އެ މައްސަލަ ކޯޓުން ބަލައިގެންފިތޯ ދެންނެވުމުން އޮފިޝަލް ވިދާޅުވީ މިވަގުތު ދެވެން އޮތް މައުލޫމާތަކީ ކޯޓަށް މައްސަލަ ހުށަހެޅިފައިވާކަން އެކަނި ކަމަށެވެ.

ޖާބިރު ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރައްވާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނަޑައިދޫގައި އިތުރު ބަޔަކާ އެކު އޭނާ ހުންނަވަނިކޮށް ފުލުހުން އެކަމަށް އެދުމުންނެވެ.

އެ މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ޚުލާސާ ބަޔާން ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ޖާބިރަށް ދީފައިނުވާ ކަމަށް ހައިކޯޓުގައި އޭނާ ވިދާޅުވިނަމަވެސް، އެކަމަށް އެކަށީގެންވާ ވަގުތު ނުލިބިގެން އެވާހަކަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ޖާބިރު ވިދާޅުވެފައިނުވާ ކަމަށެވެ.

ހެކިބަސް ނާގާއިރަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ޖާބިރުގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރިނަމަވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުމާ އެކު ހެކީންގެ ބަޔާންތައް އޭނައަށް އެ ކޯޓުން ދޫކޮށްފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ. އަދި ހެކިބަސް ނަގާފައި ވަނީ އެ ބަޔާންތައް ދޫކުރިތާ އެތަކެއް ދުވަސްފަހުން ކަމަށްވާތީ، އެކަމަށް ވެސް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހޭނެ ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޖާބިރަށް އަނިޔާ ކުރިކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާއިރު، އަދި ޖާބިރާ ދެކޮޅަށް ހެކިބަސް ދިން ތިން ފުލުހުންނަކީ އޭނާ އަށް އަނިޔާ ކުރި މީހުންކަމަށް ބެލުމުގެ ފުރުސަތު އޮތް އިރު އެކަން ސާބިތުކުރުމަށް ފުރުސަތުދީފައި ނުވާ ކަމަށް ޖާބިރުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ވެސް ހުކުމްގައި ވަނީ ރައްދުދީފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާގޮތުން ޖާބިރަށް އަނިޔާ ކުރީ އެންމެ ފުލުހަކު ކަމަށާއި ނަމަވެސް އޭނައާ ދެކޮޅަށް ތިން ފުލުހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި ޝަރީއަތަށް މައްސަލަ ސާބިތުކުރުމަށް ދެ ހެކީންގެ ހެކިބަސް ފުދޭ ކަމަށާއި އެހެންކަމުން އެތަނުން އެއް ފުލުހަކު ޖާބިރަށް އަނިޔާ ކުރިނަމަވެސް ބާކީ ތިބި ދެ ފުލުހުންގެ ހެކިބަހުން މައްސަލަ ޝަރީއަތަށް ސާބިތުކުރެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޖާބިރުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކާއި އިޖުރާއީ ނުކުތާތަށް ކޯޓުން ބަލައިގެންފައި ނުވަނީ އެ ކޯޓުން އެންގި މުއްދަތުއި ޖާބިރުގެ ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޝަރީއަތް ކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް ކަމާބެހޭ އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށީ ކޯޓާއި އޯޑިއޯ ކޮންފަރެންސްކޮށްގެން އެ މައްސަލައިގެ ހެކިބަސް ނެގުމުން ކުޑަކަމުދާއެއްޗިހި ދިނުމަށް އަންގާ ފޯމް ހެކީންނަށް ދައްކައި އެ ފޯމާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ޖާބިރަށްދީފައި ނުވާ ކަމަށް އޭނާގެ ފަރާތުން ވިދާޅުވާއިރު، އެގޮތަށް ހެކިބަސް ނުނެގުމަށް ކޯޓުގައި އެދިފައިނުވާ ކަމަށް ވެސް ހުކުމްގައި ވަނީ ބުނެފަ އެވެ.