16 Jun 2014, 15:17
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާ ދެކޮޅަށް މިރޭ ނުކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވެސް އުންމީދަކީ މެޗުން މޮޅުވެ، ގްރޫޕްގެ ފުރަތަމަ ތިން ޕޮއިންޓު ހޯދުން ކަމަށާއި އެކަން ކުރުމަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް ކަމަށް ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ޕޯޗުގަލް އާއި ޖަރުމަން ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.
މެޗުގެ ކުރިން ރޮނާލްޑޯ ބުނީ، ޖަރުމަނާ ދެކޮޅަށް ނިކުންނަ އިރު އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް މީގެ ކުރިން ގިނަ ބަޔަކު ބުނަމުން އައި ނަމަވެސް މިރޭގެ މެޗަށް އޭނާ ފިޓް ކަމަށާއި ހުރިހާ ކުޅުންތެރީން ވެސް ތިބީ މިރޭގެ މެޗުން ކާމިޔާބު ހޯދުމަށް ކެތްމަދުވެފައި ކަމަށެެވެ. އަދި ޖަރުމަން ޓީމުގައި ޖެހިލުން ވާވާރުގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށް ރޮނާލްޑޯ ބުންޏެވެ.
"ޖަރުމަނު އަތުން ޕޯޗުގަލް މޮޅުކޮށްދިނުމަށް ތައްޔާރު. ޖަރުމަނާ ދެކޮޅަށް ކުޅުމަށް އަހަރެން މިހިރީ ހަމަ ފިޓްކޮށް. މުޅި ޓީމް ވެސް އޮތީ ޖަރުމަނާ ދެކޮޅަށް ކުޅުމަށް ތައްޔާރުވެ. ޖަރުމަން ޓީމުގައި އަހަރެމެން ޖެހިލުން ވާވަރުގެ އެއްވެސް ކުޅުންތެރިޔަކު ނެތް،" ރޮނާލްޑޯ ބުންޏެވެ.
މިރޭގެ މެޗުގައި ޖަރުމަނު އަތުން މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުކުރުމަށް ބޭނުން ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.