މުސްލިމުންނާ ދެކޮޅަށް ލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ދިވެހިން ދިރިއުޅޭ ދެހިވަލާއަށް ފެތުރި އެތަނުގައި ހުރި ބޭސްފިހާރައެއް އަންދާލިކަން އެނގިފައިވާ ކަމަށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ވިދާޅުވެއްޖެ އެވެ.

"ސަން"އަަށް މައުލޫމާތު ދެއްވަމުން ޒާހިޔާ މިއަދު ވިދާޅުވީ ދެހިވަލާގައި ހުރި ބޭސްފިހާރާއެއް އަންދާލާފައިވާ ކަމަށް މީޑިއާ މެދުވެރިކޮށް އެނގިވަޑައިގެންފައިވާ ކަމަށާއި އެހެންނަމަވެސް މުސްލިމުންނާ ދެކޮޅު ހަމަނުޖެހުންތައް އެތަނުގައި އެހާ ބޮޑު ނޫން ކަމަށެވެ.

ދެހިވަލާގެ ހާލަތު މިހާރު ހުރި ގޮތުން އެ ސަރަހައްދުގައި އުޅޭ ދިވެހިންނަށް އެހާބޮޑު ނުރައްކަލެއް ނެތް ކަމަށާއި ލަންކާގައި އުޅޭ ދިވެހިންގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އެމްބަސީ ތައްޔާރަށް އޮތް ކަމަށް ޒާހިޔާ ވިދާޅުވި އެވެ.

"ދެހިވަލާއަކީ އެންމެ ގިނައިން ދިވެހިން އުޅޭ އެއްތަން. މި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ސަރަހައްދުގައި ހުރި ބޭސް ފިހަރާއެއް ވެސް އަންދާލިކަން އެނގިފައިވޭ. ނަމަވެސް އިތުރަށް އެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑު ނޫން ކަމަށް ލަންކާ ސަރުކާރުން އަޅުގަނޑުމެންނަށް މައުލޫމާތު ދެނީ،" ޒާހިޔާ ވިދާޅުވި އެވެ.

ސްރީލަންކާގެ އޮންލައިން ނޫހެއް ކަމަށްވާ ކޮލަމްބޯ ޕޭޖަސް އެގައުމުގެ ބައެއް އެހެން ނޫސްތަކާ ހަވާލާދީ ބުނީ ކާކުކަން ނޭނގޭ ބަޔަކު ދެހިވަލާގައިވާ ބޭސްފިހާރައެއް އަންދާލާފައިވާ ކަމަށެވެ. އަދި ބުނީ އެހަމަނުޖެހުންތައް ކޮލަމްބޯއަށް ފެތުރެމުންދާ ކަމަށެވެ.

މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ އަލުތުގަމާ ނަމަކަށް ކިޔާ އަވަށުގައި ބުޑިސްޓުން ކުރިއަށް ގެންދިޔަ ހިނގާލުމަކަށް މުސްލިމުން ގާއުކި ކަމަށް ބުނެ، މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހަމަލާ ދޭން ފެށުމުންނެވެ. އަލުތުގަމާގައި ހިނގި ހަމަނުޖެހުންތަކުގައި ތިން މީހުން މަރުވުމާ ގުޅިގެން އެއަވަށުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި އޭގެ ފަހުން ބޭރުވަލާއަށް ވެސް ކާފިއު ވަނީ ފުޅާކޮށްފައެވެ.

ބޮޑުބަލަސޭނާއިން މިދިޔަ އަހަރު ވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގާފައެވެ. ސްރީލަންކާގެ ހޯމް މިނިސްޓްރީގެ އޮފިޝަލުންނާ ދެއްކި ވާހަކަ އަކުން "ސަންއަށް " މިދިޔަ އަހަރު އެނގިފައި ވަނީ ބޮޑުބަލަސޭނާގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރަން ސްރީލަންކާ ސަރުކާރުން އޭރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމެވެ.