ބ. ފުޅަދުއަށް ތިން ދުވަސް މަތިން ވަރަށް ބޮޑަށް އުދަ އަރައިފި އެވެ.

ފުޅަދޫ ކައުންސިލް މެންބަރު އައިޝަތު މަމްދޫހާ މިއަދު ވިދާޅުވީ ރަށުގެ އުތުރު ފަރާތުން އުދަ އަރާތާ ތިން ދުވަސްވެފައިވާ ކަމަށާއި ނަމަވެސް ގެތަކަށް ގެއްލުންވެފައިނުވާ ކަމަށެވެ.

"އެންމެ ބޮޑަށް އުދަ އެރީ މީގެ ދެ ދުވަސް ކުރިން. އެކަމަކު އިއްޔެ ވެސް މިއަދު ވެސް އުދަ އެރި. މި އޮފީހަށް [ކައުންސިލް އޮފީހަށް] ވެސް ލޮނު ވަދެފައި ހުރީ ކޮންމެވެސް ވަރަކަށް. އެކަމަކު ގެތަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް އަޅުގަނޑަކަށް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އުދަ އަރަމުންދާ ވަރަކަށް ރަށު ތެރެ ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން މިއަދު ވެސް ސާފު ކުރުމުގެ މަސައްކަތުގައި ކައުންސިލަރުން ވެސް ބައިވެރިވަޑައިގަންނަވަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

"އުދަ އަރަމުންދާ ވަރަކަށް އަޅުގަނޑުމެން ހަމަ ރަށު ތެރެ ސާފު ކުރަމުން މި ދަނީ. މިއަދު ވެސް މިހާރު ވެސް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ،" މަމްދޫހާ ވިދާޅުވި އެވެ.

ފުޅަދުއަކީ 345 މީހުންގެ އާބާދީ އޮންނަ ރަށެކެވެ.